މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ބޯޑަށް ހަތަރު ބޭފުޅަކު އައްޔަންކުރުމަށް ޕްރައިވެޓައިޒޭޝަން ބޯޑުން މިއަދު ނިންމައިފި އެވެ.

އެ ބޯޑުގެ އޮފިޝަލަކު ވިދާޅުވީ 100 ޕަސެންޓް ހިއްސާވާ ގޮތަށް މިދިޔަ ޖޫން 17ގައި އުފެއްދި ކުންފުނީގެ ބޯޑުގެ ޗެއާމަނަކަށް ހަމަޖައްސަވާފައި ވަނީ ޑރ. އައިޝަތު މުނީޒާ ކަމަށެވެ. އަދި އެ ބޯޑުގެ މެނޭޖިން ޑިރެކްޓަރަކަށް ޔާމީން ރަޝީދު ވެސް ވަނީ ހަމަޖައްސަވައިފަ އެވެ. އޭގެ އިތުރުން ބޯޑު މެމްބަރުންނަކީ އަހުމަދު ސިރާޖާއި ކަށިމާ އަހުމަދު ޝާކިރެވެ.

ރައީސް އޮފީހުން ބުނީ އެ ކުންފުނި އުފެއްދެވުމުގެ އެންމެ ބޮޑު ބޭނުމަކީ، ރާއްޖެއަކީ ސައްތައިންސައްތަ މުސްލިމް ޤައުމަކަށްވެފައި، ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ޙައްޖަށް ދިޔުމުގެ ގަސްތުގައި ފައިސާ ޖަމާކުރާ ފަރާތްތަކުގެ ފައިސާ، ރައްކާތެރިކަމާއި އަމާނާތްތެރިކަމާއެކު ބަލަހައްޓައި، އެ ފައިސާ އިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ މަގު ތަނަވަސްކޮށްދެއްވުން ކަމަށެވެ. އަދި މިއީ ދައުލަތަށް ފައިދާ ހޯދުމަށްވުރެ ބޮޑަށް ހިދުމަތެއް ފޯރުއްވައިދެއްވުމަށް އުފެއްދި ކުންފުންޏެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނެފައި ވަނީ މިކުންފުނި އުފެއްދެވި ކަމުގައި ވިޔަސް، ރާއްޖެ އިން ޙައްޖަށް މީހުން ގެންދިޔުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހުއްދަ ދެއްވާ އަމިއްލަ ޖަމާޢަތްތަކުން މީހުން ޙައްޖަށް ގެންދިޔުމަށް ހުރަސް ނޭޅޭނެ ކަމަށް އިގްތިސާދީ ކޮމިޓީން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ލަފާއަރުއްވާފައިވާ ކަމަށެވެ.