ދައުލަތުގެ މީޑިއާގެ މިނިވަން ނުވެ އޮތުމުގެ ސަބަބުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޙާބުގައި ވާދަކުރައްވާ އެތައް ކެނޑިޑޭޓުންނަކާއި އެތައް ރައްޔިތުންގެ ހައްޤުތަކެއް އުނިވެގެންދާނެ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އިން ބުނެފި އެވެ.


އެމްބީސީގެ ޑިރެކްޓަރުންގެ ބޯޑް އައްޔަން ކުރިތާ ހަތަރު މަސް ދުވަސް ފަހުން އެބޯޑުގެ މެންބަރުންނަށް ސަރުކާރުން މުސާރަ ދޭން ފެށުމާ ގުޅިގެން އެކަމަށް މަރުހަބާ ކިޔައި އެކޮމިޝަނުން އިއްޔެ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ސަރުކާރުން ދައުލަތުގެ މީޑިޔާ ރީބްރޭންޑްކޮށް، އެމްއެންބީސީ އާ ހަވާލުކޮށްގެން ހިންގާ ހިންގުން ހުއްޓާލައި އެތަންތަންތަން އެމްބީސީއާ ހަވާލުކުރުމަށާއި އެނޫން ގޮތަކަށް ދައުލަތުގެ މީޑިއާ ހަމަހަމަ ގޮތެއްގައި ނުހިންގޭނެ ކަމަށެވެ. އަދި ދައުލަތުގެ މީޑިއާ މިނިވަން ކަމެއް ނެތި ސަރުކާރުން އޮޕަރޭޓް ކުރާ ގޮތަށް އޮތުމަކީ މިނިވަން ނޫސްވެރިކަމަށް އެޅޭ ހުރަހެއް ކަމަށާއި ދައުލަތުގެ މީޑިއާ އެމްބީސީއާ ހަވާލުނުކޮށް ލަސްވާ ކޮންމެ ދުވަހަކީ ޤާނޫނު އަސާސީން ކޮންމެ ދިވެހި ރައްޔިތަކަށް ކަށަވަރުކޮށްދޭ މައުލޫމާތު ލިބިދިނުމާއި ފޯރުކޮށްދިނުމުގެ ހައްގު ގެއްލިގެންދާ ދުވަހެއް ކަމަށް ވެސް އެބަޔާނުގައިވެ އެވެ.


އެމްބީސީގެ ޗެއާމަން އިބްރާހިމް އުމަރު މަނިކު ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ދައުލަތުގެ މީޑިއާ މިނިވަން ނުވެ އޮތުމުގެ ސަބަބުން ޤާނޫނުން އެބޯޑުގެ މައްޗަށް ލާޒިމް ކުރާ އެތައް ކަމެއް ނުވެ އެބަހުރި ކަމަށާއި އެކަންކަން ނުކުރެވޭތީވެ ވަރަށް ކަންބޮޑުވާ ކަމަށެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވާނެ ތާރީހެއް އިލެކްޝަންސް ކޮމިޝަނުން އިޢުލާންކޮށްފައިވާ އިރު ހުރިހާ ފަރާތްތަކަކަށް ވެސް އިންތިހާބާ ބެހޭ މައުލޫމާތު އިންސާފުވެރިކަމާ އެކު ލިބިދެވޭނެ ގޮތް ހޯދައިދޭންޖެހޭ ކަމަށާއި މީޑިއާ މިނިވަންނުކޮށް އެއިންތިހާބަކީ އިންސާފުވެރި އިންތިހާބަކަށް ވެގެން ނުދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


"އެމްބީސީ އުފެދިފައި ވަނީ ދައުލަތުގެ މީޑިއާ އަކީ ހުރިހާ ރައްޔިތުނަށް ބައިވެރިވެވޭ ހުރިހާ ރައްޔިތުންގެ ހިޔާލާއި ފިކުރު ގެނެވޭ ތަނަކަށް ހެދުމަށް ހެދިފައިވާ ޤާނޫނެއްގެ ދަށުން. އެހެންނަމަވެސް އަދިވެސް އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ޤާނޫނީ ޒިންމާ އަދާ ނުކުރެވޭތީ ކަންބޮޑުވަން. އަނެއްކޮޅުން ކުރިއަށް މިއޮތީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު. އެއިންތިހާބު މިނިވަން އިންތިހާބަކަށް ވެގެން ނުދާނެ ދައުލަތުގެ މީޑިއާ މިނިވަން ނުކޮށް." މަނިކު ވިދާޅުވި އެވެ.


އެމްއެންބީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ހަލީލް ސަން އެފްއެމަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކަންތައްތަކާ ބެހޭ މައުލޫމާތު ރައްޔިތުންނަށް ވީހާވެސް ހަމަހަމަ ގޮތެއްގައި ފޯރުކޮށްދިނުމަށް މިހާރު ވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށެވެ. އެގޮތުން ސިޔާސީ ފަރާތްތަކަށް އެމްއެންބީސީގެ ޗެނަލްތަކުން މައުލޫމާތު ފޯރުކޮށްދިނުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން އަންނަ މަހުގެ ކުރީގެ ކޮޅު އެފުރުސަތު އެފަރާތްތަކަށް ހުޅުވާލައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


"ވީހާވެސް ހަމަހަމަ ފުރުސަތުތަކެއް ސިޔާސީ ޕާޓީތަކަށް ދިނުމުގެ ވިސްނުމެއް އަޅުގަނޑުމެން އަބަދުވެސް ގެންގުޅެނީ. މިހާރުވެސް ގިނަ ފަރާތްތަކުން އެދެމުން ދަނީ ޗެނަލްތަކުން ވަގުތު ހޯދަން. އަޅުގަނޑުމެން އެފުރުސަތު ހުޅުވާލާނީ އިލެކްޝަންސް ކޮމިޝަނާ ވެސް މަޝްވަރާ ކުރުމަށް ފަހު. އެމްއެންބީސީގެ ޗެނަލްތަކަކީ ހަމައެކަނި ސިޔާސީ ކަންތައްތައް ގެނެސްދެމުން އަންނަ ޗެނަލްތަކެއް ނޫން. އެހެންނަމަވެސް ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ބެހޭ މައުލޫމާތު ގެނެސްދިނުމަށް ހުރިހާ ފަރާތްތަކަކަށް ފުރުސަތު ލިބޭނެ. އަދި އެއީ އަޅުގަނޑުމެން ގަބޫލްކުރާ ގޮތަކީ ވެސް." ހަލީލް ވިދާޅުވި އެވެ.


އެމްއެންބީސީން ހިންގަމުން އަންނަ ދައުލަތުގެ މީޑިއާއި އެ ތަނުގެ މުދާ ހޯދުމަށް އެމްބީސީގެ ޤާނޫނުގެ ދަށުން އެމްބީސީއާ ހަވާލުކޮށްފައިނުވާ މައްސަލާގައި ދައުލަތުގެ ތަފާތު މުއައްސަސާތަކަށް ދައުވާ ރައްދުވާ ގޮތަށް އެކުންފުނިން ވަނީ ދެވަނަ ފަހަރަށް އެ މައްސަލަ ކޯޓަށް ވައްދައިފަ އެވެ.