މިހާރު ކުރިއަށްދާ ޕަވަހޯސް ގައުމީ ވޮލީބޯޅަ ލީގުގައި ރޭ ކުޅުނު މެޗް ސީދާ ތިން ސެޓުން ކުލަބް ޕީކޭ އިންކާމިޔާބު ކޮށްފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މިމެޗް ޕީކޭއިން ކާމިޔާބުކުރީ ނައިފަރު ޖުވެނައިލް ކްލަބާ ބައްދަލުކޮށެވެ.

ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ ސެޓް 25 ޕޮއިންޓް 11 ޕޮއިންޓުން ކާމިޔާބުކުރީ ޕީކޭއިންނެވެ. ދެ ވަނަ ސެޓް ޕީކޭއިން ކާމިޔާބުކުރީ 25 ޕޮއިންޓް 23 ޕޮއިންޓުންނެވެ. އަދި ފަހު ސެޓް ޕީކޭއިން ކާމިޔާބު ކުރީ 25 ޕޮއިންޓް 13 ޕޮއިންޓުންނެވެ.

ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ކުލަބް ޕީކޭގެ އިސްމާއީލް މުހައްމަދެވެ.

މިމުބާރާތުގައި މިއަދުވެސް ދެމެޗް ކުޅުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ މެޗުގައި މިއަދު ހަވީރު 4:30ގައި ބައްދަލުކުރާ ދެޓީމަކީ ޕޮލިސް ކުލަބާއި ކުލަބް ޕީކޭ އެވެ. އަދި ދެ ވަނަ މެޗުގައި މިރޭ ވާދަކުރާނީ ދިވެހި ސިފައިންގެ ކުލަބާއި ޔޫތު ސްޕޯޓްސް ކުލަބެވެ.