24 Oct 2013, 13:50
ކުޑަކަމުދާ އެއްޗިހި ދިނުމަށް އިންކާރު ކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލްޣަފޫރު ހާޒިރުކުރުމަށް ކްރިމިނަލް ކޯޓުން ޗިޓް ފޮނުވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާ ބެހޭ ގާނޫނާ ހިލާފަށް ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.
މަޖިލީހުގެ އިދާރާއިން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ކުޑަކަމުދާތަކެތި ނުދިން މައްސަލައާ ގުޅިގެން އިއްޔެ ގައި ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ހަމަޖެއްސި ޝަރީއަތަށް ހާޒިރުވުމަށް ހާމިދަށް ޗިޓް ފޮނުވާފައިވާކަން އޭނާ މަޖިލީހުގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށެވެ.
ނަމަވެސް ކްރިމިނަލް ކޯޓުގައި ބަޔާންކޮށްފައިވާ ގަޑިއަކީ ގަޑި އާއި ތާރީހަކީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ހިނގަމުންދާ ތާރީހާހަކާއި ގަޑިއެއްކަން މަޖިލީހުގެ އިދާރާއިން އޮކްޓޯބަރު އަންގާރަ ދުވަހު ކްރިމިނަލް ކޯޓަށް އަންގާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ހަމަ އެދުވަހު ކްރިމިނަލް ކޯޓުގެ އިސް ގާޒީއަށް ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ގުޅުއްވައި އެކަން އިސް ގާޒީގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.
މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގައި "ބައެއް ވާޖިބުތައް އަދާކުރަން ނުޖެހުން" މިމާއްދާގެ (ހ) ގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށް ނުވަތަ މަޖިލީހުގެ ކޮމިޓީއަކަށް ނުވަތަ މަޖިލީހުގެ ރަސްމީ މަސައްކަތަކަށް ހުރަސް އެޅޭފަދަ ގޮތަކަށް ޝަރުއީ ކޯޓަކަށް ނުވަތަ އެހެން ވެސް މުއައްސަސާއަކަށް މެންބަރަކު ހާޒިރުކޮށްގެން ނުވާނެ ކަމަށެވެ.
ކްރިމިނަލް ކޯޓުގައި އިއްޔެ ބޭއްވުމަށް ހަމަޖެއްސި ޝަރީއަތަށް ހާމިދު ހާޒިރުވެވަޑައިނުގެންނެވި މައްސަލައާ ގުޅިގެން ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ ހާމިދު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމުގެ އަމުރެއް ނެރެފަ އެވެ. އެއަމުރާ ގުޅިގެން ހާމިދު ވަނީ މަޖިލީހުގެ އިދާރާގެ ތެރެއަށް ވަންނަވައި ފިއްލަވައިފަ އެވެ.
މަޖިލީހުގެ މެމްބަރަކު އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އަންނަ އައުމުގަ އާއި މަޖިލީހުގެ މަސައްކަތުން އެނބުރި ދިއުމުގައި އަދި މަޖިލިސް ކުރާ ގޭގައި ހާޒިރުވެ ހުންނަ ވަގުތުގައި ބަންދުކޮށް ހައްޔަރުކޮށްގެން ނުވާނެ ކަމަށް މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކާ ބެހޭ ގާނޫނުގެ ބުނެފައިވެ އެވެ.