24 Oct 2013, 13:23
މަތިންދާބޯޓުގެ ޖެޓް އިންޖީނު އުފައްދާ އެންމެ ބޮޑު އެއް ކުންފުނިން ދޭ ޓެކްނިކަލް އަދި އޮޕަރޭޝަނަލް ގޮތުން އެންމެ މަތީ ސްޓޭންޑަޑް ހިފަހައްޓާ ފަރާތްތަކަށް ދޭ އެވޯޑު އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އަށް ލިބިއްޖެ އެވެ.
އައިއޭއެސް އިން ބުނީ އެ ކުންފުންޏަށް އެ އެވޯޑު ލިބުނީ ސީއެފްއެމް އިންޓަނޭޝަނަލް އިން އުފައްދާފައިވާ ދެ އިންޖީނު އަޅާފައިވާ އެ ކުންފުނީގެ އެއާބަސް އޭ 320ގެ މެއިންޓަނަންސް ގެންދާގޮތާއި އޮޕަރޭޓްކުރާ ގޮތް ދިރާސާކުރުމަށް ފަހު ކަމަށެވެ.
އެ އެވޯޑު އައިއޭއެސްގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސްއާ ހަވާލުކޮށްދެއްވީ ސީއެފްއެމްގެ ޓެކްނިކަލް ޕްރޮޑަކްޓް މެނޭޖަރު ފިލިޕް ސިމޮން އެވެ.
"މި އެވޯޑާ ގުޅިގެން ސީއެފްއެމް އިން ވަނީ އައިލެންޑް އޭވިއޭޝަން ސާވިސަސްއަށް މަރުހަބާ ކިޔައިފައި. އަދި މި އެ ވޯޑަކީ އެ ކުންފުނީގެ އިންޖިނިއަރިން ޑިޕާޓްމަންޓަށާއި މި ކުންފުނިން މަތިންދާބޯޓު މެއިންޓަނަންސް ކަންކަމުގައި ދަމަހައްޓަމުން ގެންދާ މަތީ ސްޓޭންޑަޑްތައް ދެމެހެއްޓުމަށް ލިބުނު ހިތްވަރެއް،" އެ ކުންފުނިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
އައިއޭއެސް އިން އެއާބަސް އޭ 320ގެ މަތިންދާބޯޓެއް މިދިޔަ އަހަރުގެ ފަހުކޮޅު ގެނެސް އެ ބޯޓުގެ ދަތުރުތައް ލަންކާއަށާއި އިންޑިއާ، ބަންގްލަދޭޝް އަދި ޗައިނާއަށް ވެސް ކުރަމުންގެންދެ އެވެ.