ސެޕްޓެމްބަރު ހަތް ވަނަ ދުވަހު ބޭއްވި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓު، ސުޕްރީމް ކޯޓުން ބާތިލުކޮށްފައި ވަނީ، ވޯޓުލީ މީހުންގެ ނަމާއި އެޑްރެހުގައި ހުރި ކުދިކުދި ފުށުއެރުންތަކެއްގެ ސަބަބުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަނުން މިއަދު އިނގިރޭސި ބަހުން ނެރެފައިވާ ދެ ސަފްޙާގެ ބަޔާނެއްގައި ބުނެފައި ވަނީ، ގާނޫނު އަސާސީންނާއި އަދި އިންތިޚާބުތަކާ ބެހޭ ގާނޫނުގެ ދަށުން އެކޮމިޝަނާ ހަވާލުކޮށްފައިވާ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ކަމަށާއި އަދި މިއީ މިހާތަނަށް ރާއްޖޭގައި ބޭއްވުނު އެންމެ އިންސާފުވެރި، ދެފުށް ފެންނަ ގޮތަށް ބޭއްވުނު މިނިވަން އިންތިޚާބުކަން ގިނަފަރާތްތަކަކުން ފާހަގަ ކޮށްފައިވާ ކަމަށެވެ.

"އިންތިޚާބުގެ ކަންތައް އޮބްޒާވް ކުރި، ރާއްޖެއާއި އަދި ބައިނަލްއަގްވާމީ އޮބްޒާވަރުން ވެސް ވަނީ މި އިންތިޚާބަކީ، މިނިވަން، އިންސާފުވެރި އަދި ދެފުށްފެންނަ އިންތިޚާބެއް ކަމަށް ބުނެފައި. އަދި އެ ހުރިހާ ކަމެއްގެ މައްޗަށް ރިއާޔަތްކޮށް އިންތިޚާބުގެ ކަންތައްތައް އޮބްޒާވް ކުރި ބައިނަލްއަގްވާމީ ފަރާތްތަކުން ސިފަކޮށްފައި ވަނީ، މިއީ މިހާތަނަށް އެފަރާތްތަކުން އޮބްޒާވްކުރި އެންމެ އަމާން، އަދި ފުރިހަމަ އިންތިޚާބުކަމަށް،" ކޮމިޝަންގެ ބަޔާނުގައިވެ އެވެ.

ކޮމިޝަނުން ބުނީ ރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެ ފުރިހަމަ އިންތިޚާބު ބާތިލުކުރަން ސުޕްރީމް ކޯޓުން ނިންމީ، ވޯޓާސް ލިސްޓްގައި މައްސަލަތަކެއް ހުރި ކަމަށް ބުނެ، އިންތިޚާބުގައި ބައިވެރިވި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްފަރާތުން ސްޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުން ކަމަށެވެ.

"ސްޕްރީމް ކޯޓުން 22 ދުވަސް ވަންދެން ލިސްޓްތައް ވަރަށް ރަނގަޅަށް ބެއްލެވުމަށް ފަހު ނިންމެވީ، އިލެކްޝަންސް ކޮމިޝަނުން ތައްޔާރުކުރި ވޯޓާސް ލިސްޓްގައި 5000 އަށް ވުރެ ގިނަ ނަން އޮޅުވާލާފައި ވާކަމަށް. އަދި އޭގެ ސަބަބުން ފުރަތަމަ ބުރުގެ ނަތީޖާ ބާތިލްކުރި ކަމަށް ހުކުމް ކުރި،" އީސީގެ ބަޔާނުގައިވެ އެވެ.

"އިންތިޚާބުގެ ނަތީޖާ ބާތިލް ކުރި މައިގަނޑު ސަބަބަކީ، ވޯޓްލާ މީހުންގެ ނަން ނުވަތަ އެޑްރެހުގައި ފުށުއެރުންތަކެއް. އޭގެ ތެރެއިން 952 ވޯޓު ބާތިލުކޮށްފައި ވަނީ، ވޯޓުލީ މީހުންގެ ނަން ލިޔުމުގައި ހުރި ކުދިކުދި ތަފާތު ތަކެއްގެ ސަބަބުން [މިސާލަކަށް، ލިސްޓްގައި މަރިޔަން ޝެރާން މުޙައްމަދު ވަހީދުއްދީން އޮންނަ އިރު ގައުމީ ރަޖިސްޓަރީގައި އޮންނަނީ މަރިޔަން ޝެރާން ވަހީދުއްދީން އަދި ވޯޓާސް ލިސްޓްގައި ޢަލީ ރިޟާ އޮންނައިރު ގައުމީ ރަޖިސްޓަރީގައި އޮންނަނީ، އަލީ ރިޒާ]. 2830 ވޯޓު ބާތިލުކޮށްފައި ވަނީ، ވޯޓާސް ލިސްޓްގައިވާ، ވޯޓްލީ މީހާގެ ދާއިމީ އެޑްރެހާއި ގައުމީ ރަޖިސްޓަރީގައިވާ އެޑްރެސް ދިމާނުވާތީ. އެކަމަކު އެފަރާތަކުގެ ނަމާއި، އައިޑީ ކާޑް ނަންބަރާއި، އުފަންދުވަހާއި އަދި ކާޑުގައި ޖަހާފައިވާ ފޮޓޯވެސް ދިމާވޭ."

އީސީގެ ބަޔާނުގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުން އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ބާތިލްކޮށް އަލުން އިންތިޚާބު ބޭއްވުމަށް ކުރި އަމުރުގައިވާ 16 ނުކުތާގެ ގައިޑް ލައިނާ އެއްގޮތަށް 19 އޮކްޓޫބަރުގައި އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ކުރިއަށް ގެންދަން އެ ކޮމިޝަނުން މަސައްކަތް ކުރި ނަމަވެސް އެ ގައިޑްލައިންގެ ފަސް ވަނަ ނުކުތާއިން ރިޔާސީ ކެންޑިޑޭޓުންނަށް އިންތިޚާބު ހުއްޓުވުމުގެ ބާރު ލިބިދީފައިވާ ކަމަށެވެ. އަދި އެގޮތުން ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް އާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ލިސްޓްގައި ސޮއި ނުކުރެއްވި ކަމަށާއި އެހެން ނަމަވެސް އެ ދެބޭފުޅުން ސޮއި ނުކުރެއްވި ނަމަވެސް އިންތިޚާބާއިގެން އެ ކޮމިޝަނުން ކުރިއަށް ދާން އުޅުމުން ވޯޓްލާން އޮތް ދުވަހުގެ ހެނދުނު ފުލުހުން އިންތިޚާބުގެ ވޯޓުލުމަށް ހުރަސް އެޅުމުގެ ސަބަބުން އިންތިޚާބު ނުބޭއްވުނީ ކަމަށެވެ.

އެކޮމިޝަނުން ބުނެފައިވަނީ، އަންނަ މަހުގެ ނުވަ ވަނަ ދުވަހަށް އިންތިޚާބުގެ ފުރަތަމަ ބުރު ބާއްވަން އެކޮމިޝަނުން ތާވަލްކޮށްފައިވާއިރު މިފަހަރު އިންތިޚާބުގެ އެއްވެސް ކަމަކަށް ހުރަސް އެޅޭނޭ ފަދަ ކަމެއް ސަލާމަތީ ބާރުތަކުން ކުރިމަތިވިޔަ ނުދިނުމަށް މަސައްކަތް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ކޮމިޝަނުން އެދިފައިވާނޭ ކަމަށާއި އަދި އިންތިޚާބު ވީހާ ވެސް އޮމާންކޮށް ގެންދިއުމަށް މަގުފަހު ކޮށްދިނުމަށް އެދިފައިވާ ނޭ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ބަޔާން ނިންމާލަމުން ފާހަގަ ކޮށްފައިވާ ގޮތުގައި އިންތިޚާބު ބާއްވަން އުޅެ ނުބޭއްވުމުގެ ސަބަބުން މިހާތަނަށް ހަތްދިހަ މިލިޔަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށާއި އަދި މިފަހަރުގެ އިންތިޚާބު މިނިވަން، އިންސާފުވެރި އަދި ދެފުށް ފެންނަ އިންތިޚާބަކަށް ހެދުމަށް ޑިމޮކްރަސީއަށް ލޯބިކުރާ ހުރިހާ ފަރާތެއްގެ ކިބައިން އެދޭކަމަށް ބުނެފައިވެ އެވެ.