މިދިޔަ ހޮނިހިރު ދުވަހު ބާއްވަން އުޅުނު ރިޔާސީ އިންތިހާބަށް ފުލުހުން ހުރަސްއަޅާފައި ވަނީ ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރެއްގެ ދަށުން ކަމަށް އެކްޓިން ހޯމް މިނިސްޓަރު އަހްމަދު ޝަފީއު ވިދާޅުވި ކަމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފައި ވާތީ އެކަން ހޯމް މިނިސްޓްރީން ދޮގުކޮށްފި އެވެ.

ހޯމް މިނިސްޓރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިދިޔަ ހޮނިހިރު ދުވހުގެ ހެނދުނު އެޗްއާރުސީއެމްގެ ނައިބް ރައީސް މިނިސްޓަރާ ފޯނުން ދެއްކެވި ވާހަކަ ފުޅުގައި، ސަރުކާރުން އިންތިހާބަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައި ވަނިކޮށް، ފުލުހުން އެއާހިލާފަށް އަމްލްކޮށްފައި ވަނީ ފުލުހުންގެ އަމިއްލަ ނިންމުމަކަށްތޯ އައްސަވާފައިވާ ކަމަށެވެ. ޖަވާބުގައި މިނިސްޓަރު ވިދާޅުވެފައި ވަނީ އެކަމުގައި ފުލހުން އަމަލުކޮށްފައި ވަނީ ފުލުހުންގެ މުއައްސަސާގެ އަމިއްލަ ހައިސިއްޔަތުން ނޫން ކަމަށާއި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ހުކުމަށް ރިއާޔްތްކޮށް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުގެ ލަފަޔާ އެއްގޮވާ ގޮތުގެ މަތިން ކަމަށް ހޯމް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އެކަމާ ގުޅިގެން ހޯމް މިނިސްޓްރީ ވަގުތީ ގޮތުން ހިނގެވުމާ ހަވާލުވެވަޑައިގެން ހުންނެވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝަފީއު އަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީ އެ މަނިކުފާނުގެ ކޮމަންޓެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

މިދިޔަ ހޮނިހރު ދުވަހު ބާއްވަން އުޅުނު އިންތިހާބު ހުއްޓުވަން ލަފާދިން ކަމަށް ގައުމީ ސަލާމަތާ ބެހޭ ކައުންސިލުން ވެސްއިންކާރުކުރި އިރު އިންތިހާބަށް ހުރަސް އެޅިކަން ނުވަތަ ހުއްޓުވި ކަމަށް ފުލުހުން ވެސް ވަނީ އިންކާރުކޮށްފަ އެވެ.

އިންތިހާބު ފުލުހުން ހުއްޓުވި ކަމަށް ބުނާ މައްސަލަ މިހާރު ދަނީ ޕީއައިސީ އިން ވެސް ބަލަމުންނެވެ.