ޗެމްޕިއަންސް ލީގުގެ ގުރޫޕް ސީގައި ރޭ ބެލްޖިއަމްގެ އަންޑަލެކްޓް އަތުން 5-0 ލަނޑުން ޕެރިސް ސެއިންޓް ޖެމެއިން (ޕީއެސްޖީ) ފަސޭހަ ކަމާއެކު މޮޅުވެއްޖެ އެވެ.

އަންޑަލެކްޓް ދަނޑުގައި ޕީއެސްޖީ ކުޅުނު މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 17 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ރޭގެ މެޗުގައި އެޓީމަށް ހަތަރު ލަނޑު ކާމިޔާބު ކޮށްދިން ސްވިޑަން ފޯވަޑް ޒްލަޓާން އިބްރަހިމޮވިޗް އެވެ. ޕީއެސްޖީއަށް ދެން ލަނޑު ޖަހައިދިނީ އުރުގުއޭގެ ފޯވަޑް އެޑިސަން ކަވާނީ އެވެ.

ރޭގެ މެޗަށް ފަހު ޕީއެސްޖީގެ ކޯޗު ލޯރެން ބްލޯންކް ބުނީ، މުޅިމެޗުގައި ވެސް އިބްރަހިމޮވިޗްގެ ފަރާތުން ތަފާތު މޮޅުކުޅުމެއް ފެނިގެން ދިޔަކަމާށައި މެޗުގެ ނަތީޖާއާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

"އަހަރެން ވަރަށް އުފާވެއްޖެ. ޓީމުގެ ފުރަތަމަ ޓާގެޓަކީ ގުރޫޕްގެ އެއްވަނަ ހޯދުން. މުބާރާތުގައި ކުޅުނު ތިން މެޗުން ވެސް މިވަނީ މޮޅުވެ އާހިތްވަރެއް ލިބިފަ" ކޯޗު ލޯރެން ބްލޯންކް ބުންޏެވެ.

ޕީއެސްޖީ އިން ރޭ ނެރުނު ނަތީޖާއާ އެކު ގްރޫޕްގެ އެއް ވަނަ މަގާމްގައި އެޓީމް އޮތީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު އެވެ. ދެ ވަނަ މަގާމްގައި ހަތަރު ޕޮއިންޓާއެކު އޮލިމްޕިއާކޮސް އޮތްއިރު، ހަމަ އެއަދަދަށް ޕޮއިންޓު ހޯދައިގެން ތިން ވަނަ މަގާމްގައި އޮތީ ބެންފިކާ އެވެ. އޮލިމްޕިއާކޮސްއަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ގްރޫޕްގެ އެންމެ ފުލުގައި ޕޮއިންޓެއް ނެތި އޮތީ އަންޑަލެކްޓް އެވެ.

މި ގުރޫޕްގައި ރޭ އޮލިމްޕިއާކޮސް އާއި ބެންފީކާ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.