24 Oct 2013, 11:22
ޖުޑީޝަލް ސާވިސް ކޮމިޝަންގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު މުހައްމަދު ސަލީމް (ރޭނިސް ސަލީމް) އާއި ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލަން ރޭވި ކަމަށް ތުހުމަތު ކުރެވޭ ހ. ހިލްޓަން އަޒުލިފް ރައޫފާއި އަދި ބައެއް އިތުރު މީހުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި އެވެ.
އެދެ މީހުންގެ އިތުރަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ އައްޑޫ ސިޓީގެ މީދޫ އިރާކް މުހައްމަދު ހާމިދު، 26، އާއި ހއ. ދިއްދޫ އޯޓަމްވާދީ އުބައިދުﷲ ސައީދު، 29، އަދި ގ. މޫންލައިޓްވިޔު އަބްދުﷲ އުނައިސް، 42،ގެ މައްޗަށެވެ.
http://www.sun.mv/albums/l_20813.jpg
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެ އެންމެންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ މި އަހަރުގެ މާޗް މަހުގެ ތެރޭގައި ބަޔަކަށް ބިރުދައްކައި އިންޒާރުދިން ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށެވެ.
އެ އެންމެންގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ދިވެހި ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ކ) އާއި އެ ގާނޫނުގެ ތިންވަނަ މައްދާއާ ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.
އެ ގާނޫނުގެ ދެވަނަ މާއްދާގެ (ކ) ގައި ބުނެފައި ވަނީ ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން އުފެދޭ ފަދަ ކަމެއް ކުރުން ނުވަތަ ނުވަތަ ކުރަން އުޅުން ނުވަތަ އެފަދަ ގޮތަކަށް ތަނަކަށް ނުވަތަ އެއްޗަކަށް އެއްވެސް ގޮތަކުން ގެއްލުމެއް ދިނުން ނުވަތަ ގެއްލުމެއްދޭން އުޅުމަކީ ޓެރަރިޒަމްގެ ކުށެއް ކަމަށެވެ.
އެ ގާނޫނުގެ ތިން ވަނަ މާއްދާގައި ބުނެފައި ވަނީ އެ ގާނޫނުގެ ދެވަނަ މާއްދާގައި ބުނެފައިވާ ކަމެއް ކުރުމަށް ފައިސާ އިން ނުވަތަ މުދަލުން ހޭދަކުރުމާއި އެއްވެސް ސިފައެއްގައި އެހީވެދިނުމާއި އެފަދަ ކަމެއް ކުރުމަށް ރޭވުން ވެސް ހިމެނޭނީ ޓެރަރިޒަމްގެ ކުށުގެ ތެރޭގައި ކަމަށެވެ.
އެ މައްސަލައިގެ ފުރަތަމަ ޝަރީއަތުގެ މަޖިލީސް މިއަދު 10:00 އަށް ކްރިމިނަލް ކޯޓުގައި ޝެޑިއުލްކުރި ނަމަވެސް ޝަރީއަތް ވަނީ ކެންސަލް ކޮށްފަ އެވެ.