ޗެމްޕިއަންސް ލީގުގެ ގްރޫޕް ޑީގައި ރޭ ވިކްޓޯރިއާ ޕްލެޒެން އަތުން 5-0 ލަނޑުގެ ބޮޑު ތަފާތަކުން އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް މޮޅުވެއްޖެ އެވެ.

ބަޔާންގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ލަނޑު މެޗުގެ 25 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ފްރޭންކް ރިބެރީ އެވެ. ދެ ވަނަ ލަނޑު މެޗުގެ 37 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ޑޭވިޑް އަލަބާ އެވެ. ތިން ވަނަ ލަނޑު 61 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ރިބަރީ އެވެ. އަދި މެޗުގެ ހަތަރު ވަނަ ލަނޑު ބަސްޓިއަން ޝްވައިންސްޓައިގާ ކާމިޔާބުކޮށްދިން އިރު ބަޔާންގެ ފަސް ވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މާރިއޯ ގޮޓްޒާ އެވެ.

ރޭގެ މެޗަށްފަހު ބަޔާންގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ، މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތް ހަމަޖެހޭ ކަމަށާއި މެޗުގެ ފުރަތަމަ ހާފަށްވުރެ ދެވަނަ ހާފުގައި ހުރިހާ ކުޅުންތެރިންގެ ފަރާތުން ވެސް ފެނިގެން ދިޔައީ ބަލާހިތްވާ ކަހަލަ މޮޅު ކުޅުމެއް ކަމަށެވެ.

ރޭގެ ނަތީޖާއާކު ގުރޫޕްގައި ބަޔާން އޮތީ ނުވަ ޕޮއިންޓާއެކު އެއްވަނަ މަގާމްގަ އެވެ. ދެވަނައިގައި އޮތީ ހަ ޕޮއިންޓާ އެކު އޮތް މެންޗެސްޓާ ސިޓީ އެވެ. އަދި ގްރޫޕްގެ ތިން ވަނައިގައި ސީއެސްކޭ މޮސްކޯ ތިން ޕޮއިންޓާ އެކު އޮތްއިރު، ތާވަލްގެ ފުލުގައި އޮތް ވިކްޓޯރިއާ ޕްލެޒެން އޮތީ ހުސް އަތާ އެވެ.

މި ގުރޫޕްގައި ރޭ ސީއެސްކޭ މޮސްކޯ އަތުން ރަށުން ބޭރުގައި 2-1 އިން މެންޗެސްޓާ ސިޓީ ވަނީ މޮޅުވެފަ އެވެ. މެޗުގައި ސިޓީގެ ދެ ލަނޑު ވެސް ޖެހީ އާޖެންޓީނާގެ ފޯވަޑް ސާޖިއޯ އަގުއޭރޯ އެވެ. ސީއެސްކޭ އަށް ލަނޑު ޖަހައިދިނީ ޒޯރަން ޓޮސިކް އެވެ.