30 Nov 2010, 11:10
ރައީސުލްޖުމްހޫރިއްޔާގެ ގަރާރުން ކުންފުނިތައް އުފައްދަމުން ގެންދަނީ ސިވިލްސާވިސް މުވައްޒިފުން ކުންފުނިތަކަށް ބަދަލުކޮށް ސިވިލްސާވަންޓުންނަށް ނުފޫޒު ފޯރުވުމަށާއި ސަރުކާރާ ގުޅުން ހުރި މީހުންނަށް ވަޒީފާ ދިނުމުގެ މަގުސަދުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެއްޖެ އެވެ.
ގަރާރުން ކުންފުނި އުފެއްދުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ ބާރު އުނި ކުރުމަށް ކުންފުންޏާ ބެހޭ ގާނޫނަށް އިސްލާހް ގެނައުމަށް ހުށަހަޅާފައިވާ ބިލަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވި އިދިކޮޅު މެންބަރުން ވިދާޅުވީ، އެކި ނަންނަމުގައި ކުންފުނިތައް އުފައްދައިގެން ކޮރަޕްޝަނަށް މަގުފައިވާ ގޮތަށް ސަރުކާރުގެ މަސައްކަތްތައް ކުރިއަށްގެންދާ ކަމަށެވެ. އެހެންކަމުން ކުންފުނި އުފެއްދުމަށް ހަރުދަނާ އުސޫލުތަކެއް ކަނޑައެޅި އެކަމުގައި ރައްޔިތުންގެ ބަހެއް ބުނުމުގެ ފުރުސަތު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ބަހެއް އޮތުން މުހިއްމު ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.
އެ ބިލަށް ދެކޮޅު ހައްދަވަމުން ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ މެންބަރުން ވިދާޅުވީ، އެ ބިލަކީ، ކަނޑައެޅިގެން ދިޔާސީ މަގުސަދެއްގައި އިދިކޮޅު ފަރާތްތަކުން ހުށަހަޅާފައިވާ ބިލެއް ކަމަށެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ރީކޯ މޫސާ މަނިކު ވިދާޅުވީ، އެ ބިލު ހުށަހަޅުއްވާފައި ވަނީ، ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުތައް ރައްޔިތުންގެ މަޖިލީހަށް ބަދަލު ކުރުމަށް އިދިކޮޅު ފަރާތްތަކުން ކުރަމުންގެންދާ މަސައްކަތެއް ކަމަށެވެ. ނަމަވެސް އެ ބިލުގެ ސަބަބުން އުނިވެގެންދާނީ ކުންފުނީގެ ނަމުގައި ތަނެއް އުފެއްދުމަށް ރައީސަށް ލިބޭ ބާރު އެކަނި ކަމަށާއި އެހެން ގޮތްގޮތަށް އެފަދަ ތަންތަން އުފެއްދުމުގެ ބާރު ރައީސްގެ ކިބައިން ނިގުޅައި ނުގަނެވޭނެ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.
ކުންފުންޏާ ބެހޭ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލު، މަޖިލީހަށް ހުށަހަޅުއްވަމުން ގައުމީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް ވިލުފުށީ ދާއިރާގެ ރިޔާޒު ރަޝީދު ވިދާޅުވީ، ކުންފުންނާ ބެހޭ ގާނޫނަށް އެފަދަ އިސްލާހެއް ހުށަހެޅުއްވީ، ކުރީގެ ގާނޫނު އަސާސީން ކުންފުނި ހެދުން ފަދަ ކަންތައްތައް ކުރުމަށް ރައީސުލްޖުމްހުރިއްޔާ އަށް ބާރު ލިބިދީފައި ވީނަމަވެސް، މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީންނާއި، މިހާރު ހިނގަމުން މިދާ އާ ޑިމޮކްރެޓިކް ނިޒާމުގެދަށުން، ކުންފުނިހެދުން ފަދަ ކަންތައް ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށް ގަބޫލު ނުކުރައްވާތީ ކަމަށެވެ. އަދި ގާނޫނަށް އެ އިސްލާހް އައުމުން ރައީސުލްޖުމްހޫރިއްޔާއަށް ކުންފުންޏެއް އުފެއްދޭނީ، އެ ކުންފުންޏާ ބެހޭ ގޮތުން ގޮތެއް ނިންމާނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.
ސަރުކާރުން އުފައްދާފައިވާ ޔުޓިލިޓީސް ކުންފުނިތަކަށް އިޝާރާތް ކުރައްވައި، ރިޔާޒު ވިދާޅުވީ، ފަހަކަށް އައިސް ކަރުދާހުން ކުންފުނިތަކެއް އުފެދިގެންދިޔަތަން ފެނިގެންގޮސްފައިވާ ކަމަށެވެ. އަދި އެ ކުންފުނިތަކުގައި ރައުސުލްމާލެއް، އެސެޓެއް، އެއްވެސްއެއްޗެއް ފެންނަންނެތް ކަމަށާއި، ހުރިހާ ވެސް ހުރި އެއްޗަކީ ރަށްރަށުގައިހުރި އިންޖީނުގެތައް ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.
"އެ ކުންފުނިތަކުގެ ޕްރޮޕްޓިސްގެ ގޮތުގައި އެތަންތަން (އިންޖީނުގެތަން) ވެ އެބައިމީހުންގެ މުދަލައްވެ، އެތަންތަން (އިންޖީނުގެތައް) ރައްޔިތުންގެ އަތުން ގަދަކަމުން އަތުލައިގަނެ ރައްޔިތުންނަށް ބަދަލު ދިނުމަކާނުގައި އެތަނުން އުފައްދާ ކަރަންޓް ވިއްކައިގެން އެ ކުންފުނިތަކަށް ދަނީ ފައިސާ ހޯދަމުން،" ރިއާޒު ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ ކުންފުނި އުފައްދަންވީ، ވަކި އާއިލާއަކަށް ނިސްބަތްވާ ބޭފުޅުންތަކަކަށް ވަޒީފާ ދިނުމަށް ނުވަތަ، ގާތް ރަހުމަތްތެރިންނަށް ވަޒީފާ ދިނުމަށް، ނުވަތަ އެއިރެއްގައި ވެރިކަމުގައި އޮންނަ ޕާޓީގައި ތިބޭބަޔަކަށް ފައިދާވާގޮތަށް ނޫން ކަމަށެވެ. އަދި މިނިވަން ޑިމޮކްރެޓިކް ވެއްޓެއްގައި އެކަންތައްތައް ކުރަން ޖެހޭނީ އެތެރެފެންނަ ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރަށް ތަކެތި ގަތުމާއި ހިދުމަތް ހޯދުމުގެ ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްކޮށް، އިމިގްރޭޝަންގެ ގާނޫނަށް އިއްލާހު ގެނައުމުގެ ބިލުގެ ބަހުސް ވަނީ ކުރިއަށް ގެންދަވައިފަ އެވެ.