24 Oct 2013, 10:15
އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓް ލުމަށް ޓަކައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓު ލުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރާއި އަދި ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ އަންނަ މަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުގެ ދެވަނަ ބުރަށް، އެ ކޮމިޝަނުން މިހާރު އާންމު ކޮށްފައިވާ ވޯޓް ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓްގައި މިހާރު ރަޖިސްޓްރީ ވެފައިވާ ތަންތަން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައި ވަނީ، މިއަދު ހެނދުނު 9:00 އިން ފެށިގެން މި ރޭ 8:00 އަށް، އަދި ހުކުރު ދުވަހުގެ މެންދުރު ފަހު 2:30 އިން ރޭގަނޑު 10:00 އަށް ކަމަށެވެ.
އެ ކޮމިޝަނުން ބުނީ މިހާރު ހުޅުވާ ލާފައިވާ މުއްދަތު ހަމަވުމަށް ފަހު ދެވަނަ ބުރަށް އަލުން ރަޖިސްޓްރީ ކުރުމުގެ ފުރުސަތެއް ހުޅުވާލުމަށް ހަމަޖެހިފައި ނުވާ ކަމަށާއި އެހެން ކަމުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި، މިހާރު ރަޖިސްޓްރީ ވެފައިވާ ތަން ނޫން ތަނެއްގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތަކުން ވެސް މިހާރު ދެވިފައިވާ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ކުރަން ޖެހޭނޭ ކަމަށެވެ.
މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން ވަނީ، ރިޔާސީ އިންތިޚާބުގެ ކަންތައްތައް އޮބްޒާވް ކުރަން ބޭނުންވާ ފަރާތްތަކާއި އަދި މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެކަމަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ވެސް މިއަދު ހުޅުވާލާފަ އެވެ.
ކޮމިޝަނުން ބުނީ ކުރިން މޮނިޓަރުންނާއި އޮބްޒާވަރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކުން އަލުން ރަޖިސްޓަރީ ކުރަން ނުޖެހޭނެ ކަމަށާއި އެހެން ނަމަވެސް އެ ފަރާތްތަކުގެ މައުލޫމާތު ހިމެނޭ ލިސްޓެއް ކޮމިޝަނަށް އަލުން ފޮނުވަން ޖެހޭނޭ ކަމަށެވެ.
އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި އަލަށް ރަޖިސްޓަރީ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ކަމަށް އެދި ފޯމު ހުށަހަޅަން ދީފައިވާ މުއްދަތަކީ މިއަދުން ފެށިގެން މިމަހުގެ 26 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00އަށް ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.