24 Oct 2013, 09:33
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލްޣަފޫރު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރުމާ އެކު މަޖިލީހުގެ އިދާރާތެރެ އަށް ވަދެ ހާމިދު "ފިއްލަވައިފި" އެވެ.
ރޭ ދަންވަރު 1:00 ޖަހާއެހާކަންހާއިރު ހާމިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "ބަޣާވާތް ކުރަމުންދާ" ފުލުހުންނާއި ޝަރުއީ ނިޒާމުން ސަލާމަތްވެވަޑައިގަތުމަށް އޭނާ ހުންނެވީ މަޖިލީހުގެ އިދާރާގެ ތެރޭގައި ކަމަށެވެ.
@davehardinghamit is past midnight & I am holed up at Parliament seeking refuge from mutinying police and judiciary@richardbranson
— Hamid Abdul Ghafoor (@haaghee)October 23, 2013
ހާމިދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައި ވަނީ އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ކުޑަކަމުދާއެއްޗިހި ދިނުމަށް އިންކާރު ކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ މަޖިލީހަށް އިއްޔެ ކޯޓަށް ހާޒިރުވެވަޑައިގަތުމަށް އޭނާ އަށް ޗިޓް ފޮނުވުމުން ވެސް ކޯޓަށް ހާޒިރުވެވަޑައިގެންފައި ނުވާތީ އެވެ.
އެ މައްސަލައިގައި އިއްޔެ ބާއްވަން އުޅުނު ޝަރީއަތުގެ މަޖިލީހުގައި ކުރިއަށްގެންދަން ހަމަޖައްސާފައި އޮތީ ހާމިދުގެ މައްޗަށް އެ ދައުވާ ސާވިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ހެކިބަސް ނެގުމެވެ.
އެ މައްސަލައިގެ ފުރަތަމަ ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެވަޑައިގަތުމަށް ޗިޓް ހަވާލުކުރުމުން ވެސް އޭނާ ކޯޓަށް ހާޒިރުވެވަޑައިނުގަތެވެ. ދެން އޭގެ ފަހުން ކޯޓުގެ އަމުރަށް ފުލުހުން ވަނީ ގޭގައި ހުންނަވަނިކޮށް ހާމިދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކާ ބެހޭ ގާނޫނުގެ ތިން ވަނަ މާއްދާގެ (ށ)ގައި ބުނަނީ މެމްބަރަކު އޭނާގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އަންނަ އައުމުގަ އާއި މަޖިލީހުގެ މަސައްކަތުން އެނބުރި ދިއުމުގައި އަދި މަޖިލިސް ކުރާ ގޭގައި ހާޒިރުވެ ހުންނަ ވަގުތުގައި ބަންދުކޮށް ހައްޔަރުކޮށްގެން ނުވާނެ ކަމަށެވެ.
ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އެއްވެސް މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ވަނިކޮށް ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ނުކުރެވޭނެ ކަމަށެވެ.