24 Oct 2013, 09:09
ބާލިން (އޮކްޓޯބަރ 24): އެމެރިކާގެ ޖާސޫސީ އިދާރާ އިން ޖަރުމަނުގެ ޗާންސެލަރު އެންގެލާ މާކަލްގެ ފޯންކޯލްތައް އަޑުއަހައި އޭނާ އަށް ޖާސޫސު ކުރަމުންގެންދާ ކަމަށް ބެލެވިފައިވާ މައްސަލައާ ގުޅިގެން މާކަލް އެމެރިކާގެ ރައީސް ބަރަކް އޮބާމާއާ ފޯނުން ގުޅުއްވައިފި އެވެ.
މިކަން ހާމަކޮށްދެއްވަމުން ވައިޓް ހައުސްގެ ތަރްޖަމާން ޖޭ ކާނީ ވިދާޅުވެފައި ވަނީ އެމެރިކާ އިން އެއްވެސް މިންރަކަށް ޖަރުމަނުގެ ޗާންސެލާ އަށާއި އެގައުމުގެ އިސްވެރިންނަށް ޖާސޫސު ނުކުރާކަމަށާއި އަދި ސިއްރިޔާތުގައި އެބޭފުޅުންގެ ފޯންކޯލްތައް އަޑުއަހާފައި ނުވާނެ ކަމުގެ ޔަގީންކަން އޮބާމާ، މާކަލް އަށް ދެއްވި ކަމުގަ އެވެ. މިމައްސަލައާ ގުޅިގެން ޖަރުމަނު ސަރުކާރުގެ ރަސްމީ ތަރްޖަމާން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެންގެލާ މާކަލްގެ ފޯންކޯލްތައް ސިއްރިޔާތުގައި އަޑުނާހާ ކަމުގެ ޔަގީންކަން އެމެރިކާގެ ރައީސް ބަރަކް އޮބާމާ މާކަލް އަށް ދެއްވި ކަމުގަ އެވެ.
އެ މައްސަލައާ ގުޅިގެން މާކަލް، އޮބާމާއާ ފޯނުންގުޅުއްވީ އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ އެޖެންސީން މާކަލްގެ ފޯންކޯލްތައް ސިއްރިޔާތުގައި އަޑުއަހަމުންގެންދާ ކަމުގެ ޖާސޫސީ މަޢްލޫމާތުތަކެއް ލިބިފައި ވާތީ ކަމަށާއި އެމެރިކާ އިން މިފަދަ އަމަލެއް ހިންގާ ނަމަ މިއީ ޖަރުމަނުން އެއްވެސް ގޮތަކަށް ބަލައިގަންނާނެ އަމަލެއްނޫން ކަމަށް ވެސް ޖަރުމަނު ސަރުކާރުގެ ބަޔާން ބުނެ އެވެ.
ޖަރުމަނުން މިމައްސަލަ ފެންމަތިކޮށްފައިވާ އިރު އެމެރިކާ އިން ފަރަންސޭސިވިލާތުގެ ރައްޔިތުންނަށް ފުޅާދާއިރާއެއްގައި ޖާސޫސުކޮށް އެމީހުންގެ ފޯންކޯލްތައް އަޑުއަހަމުން ގެންދާކަމުގެ ރިޕޯޓްތަކަކާ ގުޅިގެން ޕެރިހުގައި ހުންނަވާ އެމެރިކާގެ ސަފީރު ވަނީ ފަރަންސޭސި ޚާރިޖީ ވުޒާރާ އަށް ހާޒިރުކޮށް އެކަމާބެހޭ ގޮތުން ސުވާލުކޮށްފަ އެވެ. މިމައްސަލާގައި އެމެރިކާގެ ޖާސޫސީ ކަންތަކާ ބެހޭ އެންމެ އިސްވެރިޔާ ޖޭމްސް ކްލެޕާ ވަނީ އެމެރިކާ އިން ފަރަންސޭސި ރައްޔިތުންނަށް ޖާސޫސުނުކުރާ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. (ރޮއިޓާސް)