މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން 4-2 އިން ބަލިކޮށް، މި ސީޒަންގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވުމުގެ ޝަރަފްވެރި ރެކޯޑާއެކު ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް މިއަހަރުގެ ޕްރެޒިޑެންޓް ކަޕް ކާމިޔާބުކޮށްފި އެވެ.

ގަލޮޅުދަނޑުގައި މިރޭ ކުޅުނު ފައިނަލްމެޗުގައި މާޒިޔާއަތުން މޮޅުވެ ޕްރެޒިޑެންޓް ކަޕްގެ ތައްޓާއެކު ނިއުއަށް ވަނީ، އެއް ސީޒަންގައި 100 ޕަސެންޓް މޮޅުވުމުގެ އާ ރެކޯޑެއް ގާއިމް ކޮށްފަ ތާރީޚުން ޖާގަ ހޯދާފަ އެވެ. މިފަހަރުގެ ހުރިހާ މުބާރާތެއްގެ ތަށި ނިއުއިން އުފުލާލި އިރު މީގެ ކުރިން އެ ކްލަބުން ވަނީ 1997 ވަނަ އަހަރު ވެސް ސީޒަންގެ ހުރިހާ މުބާރާތެއް ވެސް ކާމިޔާބުކޮށްފަ އެވެ. އަދި މި މުބާރާތުގެ ތަށި ނިއުއިން ހޯދި މިއީ 10 ވަނަ ފަހަރެވެ.

މިއަހަރު ޕްރެޒިޓެންޓް ކަޕް ދިފާއުކުރެވުމާއެކު އަންނަ އަހަރު ނިއުއިން ނުކުންނާނީ މުބާރާތުގެ ތަށި މިލްކް ކުރާށެވެ. މީގެ ކުރިން ޖެހިޖެހިގެން ދެފަހަރު މި މުބާރާތް ނިއުއިން ކާމިޔާބުކޮށްފައިވަނީ، 1990 އަދި 1991 ވަނަ އަހަރު އެވެ.

މިރޭ ކުޅުނު ފޯރިގަދަ ފައިނަލްގައި ފުރަތަމަ ދެ ފަހަރުވެސް ނިއުއަށް ކުރި ހޯދައިދިނީ މުހައްމަދު އުމޭރު އެވެ. އުމޭރު ފުރަތަމަ ލަނޑު ކާމިޔާބުކުރީ މެޗުގެ ފަސް ވަނަ މިނިޓުގައި އެޓީމަށް ލިބުނު ޕެނަލްޓީ އަކުންނެވެ. އެހެން ނަމަވެސް މެޗުގެ 30 ވަނަ މިނިޓުގައި މާޒިޔާގެ ހުނަރުވެރި ފޯވާޑް އަސަދުﷲ އަބްދުﷲ ވަނީ ލަނޑެއް ކާމިޔާބުކޮށް މާޒިޔާއަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

ދެވަނަ ހާފްގެ ކުޅުން 1-1 ގެ ނަތީޖާއަކުން ދެޓީމު ފެށި ނަމަވެސް 65 ވަނަ މިނިޓްގައި އުމޭރު ދެވަނަ ފަހަރަށް ނިއުއަށް ކުރި ހޯދައިދިނެވެ. އެހެން ނަމަވެސް ފަސް މިނިޓްފަހުން މާޒިޔާގެ ބަލްގޭރިއާ ފޯވަޑް ރުމެން ޖޯޖީފް ވަނީ ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް މާޒިޔާއަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. ރުމެން ނިއުގެ ގޯލްއޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ހިފަން އުޅުމުގެ ތެރޭގައި ނިއުގެ ކީޕަރު އިމްރާން މުހައްމަދުގެ އަތުގައި ޖެހިފައި ބޯޅަވަނީ ގޯލްގެ އެތެރެއަށެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން ދެޓީމު އެއްވަރުވެފައި އޮތުންމުން ނަތީޖާ ނެރުމަށް ކުޅުވި އިތުރުވަގުތުގެ 30 މިނިޓުގެ 17 ވަނަ މިނިޓުގައި ނިއުއަށް ތިންވަނަ ފަހަރަށް މެޗުގެ ކުރިހޯދައިދިނީ އަލީ އަޝްފާގު (ދަގަނޑޭ) އެވެ. މިއީ މި ސީޒަނަށްފަހު ނިއު ދޫކޮށް ބޭރުގެ ކްލަބަކަށް ދާން މަސައްކަތްކުރާ ކަމަށް ބުނެފައިވާ ހުނަރުވެރި ފޯވަޑް އަދި ގައުމީ ޓީމްގެ ކެޕްޓަން ނިއުއަށް މިސީޒަންގައި ކާމިޔާބުކޮށްދިން 44 ވަނަ ލަނޑެވެ. އަދި ގައުމީ ޓީމަށް ކުޅުނު މެޗުތަކާއެކު މުޅި ސީޒަންގައި ދަގަނޑޭ ކާމިޔާބުކުރި 56 ވަނަ ލަނޑެވެ.

އިތުރުވަގުތުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ނިއުގެ ހަތަރުވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މާޒިޔާގެ ކުރީގެ ފޯވަޑް ހުސައިން ނިޔާޒް (ބޮކްރީ) އެވެ.

މިރޭގެ މެޗުން ބަލިވުމުން މާޒިޔާ ވަނީ މިސީޒަންގައި ނިއުރޭޑިއަންޓް އަތުން ޖުމުލަ ހަތްފަހަރު ބަލިވެފަ އެވެ.

މެޗަށްފަހު ޗެމްޕިއަން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް މުބާރާތުގެ ޓްރޮފީއާއި ރަން މެޑެލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ހަސަން އެވެ.