23 Oct 2013, 22:46
ކްރިމިނަލް ކޯޓުގެ އިސް ގާޒީ ގާނޫނާ ހިލާފަށް ހައްޔަރުކުރިކަމުގެ ތުހުމަތުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދުގެ މައްޗަށް ހުޅުމާލޭ ކޯޓުގައި ޝަރީއަތް ހިންގަވާ ތިން ގާޒީންގެ ތެރެއިން ދެ ގާޒީއަކު މާލޭ ސުޕީރިއާ ދެ ކޯޓެއްގެ ގާޒީ ކަމަށް އައްޔަންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމައިފި އެވެ.
ނަޝީދުގެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންނަކީ ޝުޖާއު އުސްމާނާއި ހުސައިން މަޒީދުގެ އިތުރުން އަބްދުއްނާސިރު އަބްދުއްރަހީމެވެ. ޝުޖާއު އުސްމާން ހަމަޖައްސަވަން ނިންމަވާފައި ވަނީ ކްރިމިނަލް ކޯޓުގެ ގާޒީ އަކަށެވެ. މަޒީދު ހަމަޖައްސަ ވަނީ ސިވިލް ކޯޓުގެ ގާޒީކަމެވެ. ޝުޖާއު އާއި މަޒީދާއި އަބްދުއްނާސިރު މިހާތަނަށް މަސައްކަތް ކުރެއްވީ އެކި ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގަ އެވެ. ނަމަވެސް ހުޅުމާލޭ ކޯޓުގައި ނަޝީދުގެ މައްސަލަ ބެއްލެވުން އެ ތިން ބޭފުޅުންނާ ޖޭއެސްސީން ހަވާލުކުރީ އެވެ. އެ މައްސަލަ މިހާރު ހުއްޓިފައި ވަނީ ނަޝީދު ހައިކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
އެ ދެ ބޭފުޅުންގެ އިތުރުން ފަސް ބޭފުޅަކު މާލޭގެ ތިން ކޯޓެއްގެ ގާޒީންނަށް ހަމަޖެއްސުމަށް ޖޭއެސްސީން ވަނީ ނިންމައިފަ އެވެ. އެގޮތުން ޖޭއެސްސީން ކްރިމިނަލް ކޯޓުގެ ގާޒީއަކަށް ނ. މަނަދޫ، އަނބުގަސްދޮށުގޭ އަބްދުﷲ ނަޝީދު ހަމަޖައްސާއިރު ގދ. ފިޔޯރީ، ލަންސިމޫގޭ، ފަރުހާދު ރަޝީދަށް ސިވިލް ކޯޓުގެ ގާޒީކަން ދޭން ވަނީ ނިންމައިފަ އެވެ. އަދި ކ. ދިއްފުށި ސްވީޓްމީޑް، ހަސަން ޝަފީއަށާއި ސ. މަރަދޫ ރޯސްގާޑަން މުހައްމަދު ސަމީރާއި ގ. ރޭނިސް އިބްރާހިމް އަލީއަށް ފެމިލީ ކޯޓުގެ ގާޒީކަން ދޭން ވެސް އެ ކޮމިޝަނުން މިއަދު ވަނީ ނިންމައިފަ އެވެ.
ކޮމިޝަނުން ބުނީ އެ ބޭފުޅުން ހަމަޖެއްސީ ޖުލައި 6، 2011ގައި ކުރި އިޢުލާނާ ގުޅިގެން ގާޒީކަމުގެ މަގާމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން، ސުޕީރިއަ ކޯޓުތަކަށް ފަނޑިޔާރުން ޢަންޔަންކުރުމަށް އެކުލަވާލެވިފައިވާ ޕެނަލުން އިންޓަވިއުކޮށް، އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތްތަކުގެ ތަރުތީބުން ވޯޓަށް އަހައިގެން ކަމަށެވެ.
މީގެ އިތުރުން ޖޭއެސްސީން ވަނީ އިސް ގާޒީއަކު ނެތްތައް އެތައް އަހަރެއްވެފައިވާ ސިވިލް ކޯޓުގެ އިސް ގާޒީ ކަމަށް އެ ކޯޓުގެ ގާޒީ އަލީ ރަޝީދު ހުސައިން ހަމަޖެއްސުމަށް ވެސް ނިންމަވައިފަ އެވެ.
ޖޭއެސްސީން ބުނީ ސިވިލް ކޯޓުގެ އިސްގާޒީ ކަމުގެ މަގާމަށް ކޮމިޝަނުން ބޭފުޅަކު ޢައްޔަންކުރުމަށް ނިންމަވާފައި ވަނީ، ދިވެހިރާއްޖޭގެ ކޯޓުގެ ގާނޫނުގެ ދަށުން ސިވިލް ކޯޓުގެ އިސް ގާޒީކަމުގެ މަގާމަށް ކުރިމަތިލުމަށް ކޮމިޝަނުން ހުޅުވާލި ފުރުސަތާ ގުޅިގެން ސިވިލް ކޯޓުގައި ތިބި ގާޒީންގެ ތެރެއިން އެ މަގާމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން އިސް ގާޒީން ހަމަޖެއްސުމަށް އެކުލަވާލެވިފައިވާ ޕެނަލް އިން އިންޓަވިއު ކުރުމަށްފަހު މާކްސް ޝީޓުގެ ލިސްޓުގައިވާ ތަރުތީބުން އެންމެ ގިނަ މާކްސް ލިބިވަޑައިގެންނެވީ، އޭނާ ކަމަށްވާތީ ކަމަށެވެ.