23 Oct 2013, 22:17
ޔޫރިން ޓެކްސްޓު ކުރުމަށް ފުލުހުންގެ އޮފިސަރުކަ އެދުމުން، އެ ކަމަށް އިންކާރުކޮށްފި ނަމަ އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ ކަމަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި ބުނެފައި ވާތީ، އެ އަދަބު ލުއި ކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރަކު މަޖިލީހަށް ބިލެއް ވައްދައިފި އެވެ.
ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ހުށަހެޅުއްވި ބިލުގައި ވަނީ ޔޫރިން ދިނުމަށް އިންކާރުކޮށްފި ނަމަ ލިބޭ އަދަބު، ތިން ގޮތަކުން ލުއި ކުރުމަށެވެ. އެއީ ކުޑަކަމުދާ އެއްޗެހި ނުވަތަ ޔޫރިންގެ ސާމްޕަލެއް ދިނުމަށް އިންކާރުކޮށްފި ނަމަ އޭނާގެ އަދަބަކީ 15 ދުވަހަށް ޖަލަށްލުން ނުވަތަ އެއް މަސް ދުވަހަށް ގޭ ބަންދު ކުރުން ނުވަތަ 12،000ރ. އިން ޖޫރިމަނާ ކުރުމެވެ.
އީސަ ހުށަހަޅުއްވާފައިވާ ބިލް މަޖިލީހުން ފާސްވެއްޖެ ނަމަ މަސްތުވާތަކެއްޗާ ބެހޭ ގާނޫނު 123 ވަނަ މާއްދާގައި (ށ)ގައި ބުނެފައިވާ ޔޫރިން ނުދިނުމުގެ އަހަރު ދުވަހުގެ ޖަލު އަދަބު ލުއި ވެގެންދިޔައީ އެވެ. އަދި މަސްތުވާތަކެތި ބޭނުންކޮށްގެން ޔޫރިން ނުދީފި ނަމަ އެންމެ ބޮޑުވަރަކަށް ދެވޭނެ އަދަބަކީ 15 ދުވަހުގެ ޖަލު ހުކުމެކެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ބިލެއް ހުށަހެޅުއްވި ތިން ސަބަބެއް އީސަ ބަޔާންކުރައްވަ އެވެ. ފުރަތަމަ ސަބަބަކީ ގާނޫނު ތަންފީޒު ކުރަން މަތިކޮށްފައިވާ ފަރާތްތަކުން އެ މާއްދާ ނަހަމަ ގޮތުގައި ބޭނުން ކުރަން ފަށާފައިވާ ކަމަށާއި ސިޔާސީ މާހައުލުން "އުފުރާލެވޭ" ފަރާތްތައް އެއްވެސް ބިންގަލެއް ނެތި ޔޫރިން ދިނުމަށް އަންގާ ހާލަތްތައް ގިނަވަމުންދާ ކަމަށެވެ. ޔޫރިން ދިނުމަށް އެންގޭނެ ހާލަތާއި އެކަމަށް އިންކާރު ކުރެވިދާނެ ހާލަތު ގާނޫނުގައި ބަޔާންކޮށްފައި ނެތުމުން އެއީ "ސްޓްރިކްޓް ލައިބިލިޓީ" ކުށެއް ކަމަށް އީސަ ވިދާޅުވެފައިވެ އެވެ.
ދެ ވަނަ ސަބަބަކީ ޔޫރިން ނުދީފި ނަމަ އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނަ ގޮތަށް އޮތުމަކީ 2011 ވަނަ އަހަރު އަލަށް އަމަލުކުރަން ފެށި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ މަގްސަދާ ފުށުއަރާ ކަމެއް ކަމުގަ އެވެ. އެއީ ކުރިން އަމަލު ކުރަމުންއައި މަސްތުވާތަކެއްޗާ ބެހޭ ގާނޫނު އުވާލުމުގެ މަގުސަދަކީ ޖަލުގެ މާހައުލުގައި އަދި އެ މާހައުލުން އަށަގަންނަ ނޭދެވޭ ކަންކަމާ ދުރުކޮށް، ފަރުވާއަށް މަގުފަހިކޮށް ރީތި ދިރިއުޅުމުގެ އަދާކުރުމުގެ ފުރުސަތު ލިބިދިނުން ކަމުގަ އެވެ.
އީސަ މަޖިލީހަށް ބިލު ހުށަހެޅުއްވި ތިން ވަނަ ސަބަބެއް ކަމަށް ބަޔާންކޮށްފައި ވަނީ ޔޫރިން ދިނުމަށް އިންކާރު ކުރާ މީހުންނަށް ދުނިޔޭގެ އެހެނިހެން ޝަރުއީ ނިޒާމްތަކުގައިދޭ އަދަބަކީ ދެތިން މަސް ދުވަހަށް ލައިސަންސް ހިފެހެއްޓުމާއި ދެ ދުވަހަށް ޖަލަށްލުން ކަމަށެވެ. އަދި ޔޫރިން ނުދިނުމުން އަހަރު ދުވަހުގެ ޖަލު ހުކުމެއް ރާއްޖޭގައި ދިނުމަކީ "އެކްސްޓްރީމް" އަދަބެއް ކަމަށާއި ބޭރު ގައުމުތަކުގައި އެފަދަ ކުށެއްކޮށްފި މީހެއްގެ އަދަބީ އެންމެ ދެ ދުވަހަށް ޖަލަށްލުން ކަމަށެވެ. އަދި އެއީ ހަފްތާގެ ބަންދު ދުވަހުގައި ޖަލަށްދާ ގޮތަށް ކަމަށް އީސަ ވިދާޅުވެފައިވެ އެވެ.
ޔޫރިން ނުދިނުމުގެ އަދަބު ލުބި ކުރުމަށް އީސަ ހުށަހެޅުއްވި އިރު، އެމްޑީޕީގެ ޕާލަމެންޓްރީ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރުންތަކެއްގެ މައްޗަށް މަސްތުވާތަކެތި ބޭރުން ކުރި ކަމުގެ ތުހުމަތުކޮށްގެން ކުޑަކަމުދާތަކެތި ނުދީގެން ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައިވެ އެވެ. ހދ. ހޮޑައިދޫގައި ރާ ބޮއެ، މަސްތުވީ ކަމުގެ ތުހުމަތަށް ކުޑަކަމުދާތަކެތި ނުދީގެން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރުގެ މައްޗަށް ވެސް ދައުވާ ކުރެ އެވެ.
އެމްޑީޕީގެ އެއްވުމެއްގެ ތެރެއިން މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހައްޔަރު ކުރުމަށް ފަހު، އޭނާ ވެސް ވަނީ ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކޮށްފަ އެވެ.