ކާބުލް (އޮކްޓޯބަރ 23): އަންނަ އަހަރު އަފްޣާނިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންނަށް، ހަދިޔާގެ ގޮތުގައި ބައެއްފަރާތްތަކުން ފޮނުވާތަކެތީގައި ބޮންފަދަ ތަކެތި ހަރުކޮށްފައި ހުރުން އެކަށީގެންވާ ކަމަށާއި މިކަމާ މެދު ފާރަވެރިވުމަށް އަފްޣާން ޖާސޫސީ އިދާރާ އިން ކެންޑިޑޭޓުންނަށް އިންޒާރު ދީފި އެވެ.

އަފްޣާން ޖާސޫސީ އިދާރާ އިން ބުނީ ހަދިޔާގެ ގޮތުގައި ބައެއް ފަރާތްތަކުން ފޮނުވާތަކެތީގެ ތެރެއިން ޚާއްސަކޮށް މޯބައިލް ފޯނާ، ކޮމްޕިއުޓަރާ ކެމެރާ ފަދަ އިލެކްޓްރޯނިކް ތަކެތީގައި ބޮން ފަދަ ތަކެތި ހަރުކޮށްފައި ހުރުމުގެ ފުރްސަތު ވަރަށް ބޮޑުކަމަށާ މިފަދަ ތަކެއްޗާ ހަވާލުވުމުގެ ކުރިން ސަލާމަތީ ބާރުތަކުގެ ސަމާލުކަމަށް އެކަން ގެނައުމަށެވެ. އަފްޣާނިސްތާނުގެ ޖާސޫސީ އިދާރާ އިން ރިޔާސީ ކެންޑިޑޭޓުންނަށް މިއިންޒާރު ދީފައި މިވަނީ އެ ގައުމުގެ ރިޔާސީ އިންތިޚާބު ގަނޑުބަޑު ކޮށްލުމަށް ޓަކައި ބައެއް ފަރާތްތަކުން، ޓެރަރިޒަމްގެ އަމަލުތަކެއް ހިނގުމަށް ރާވަމުންދާކަމުގެ ޖާސޫސީ މަޢުލޫމާތު ތަކެއްގެ ލިބިގެން ކަމަށް ޚަބަރުލިބެ އެވެ.

މިދިޔަ އަޟްޙާ ޢީދު ދުވަހުގެ އީދު ނަމާދަށް ފަހު، މައިކްރޯފޯނެއްގައި ބޮމެއް ހަރުކޮށްގެން، ގޮތްނޭންގޭ ބަޔަކު ވަނީ އަފްޣާނިސްތާނުގެ ގަވަރުނަރަކު އަވަހާރަކޮށްލާފަ އެވެ. މިޖަރީމާގެ ފަހަތުގައި އަފްޣާން ހަނގުރާމަވެރި ޖަމާއަތްތައްވާ ކަމަށް ވަނީ ބެލެވިފަ އެވެ.

އަންނަ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ އަފްޣާން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ނަންހުށަހަޅާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ބައެއް ކެންޑިޑޭޓުންގެ ކެންޑިޑެންސީ ބާތިލްކޮށްފައިވާ އިރު 10 ކެނޑިޑޭޓުންގެ ކެންޑިޑެންސީ ސައްޙަ ކަމަށް އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ. ރިޔާސީ ދެދައުރު ފުރިހަމަކުރައްވާފައި ވާތީ މިފަހަރުގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރްސަތު އަފްޣާނިސްތާނުގެ މިހާރުގެ ރައީސް ހާމިދު ކަރްޒާއި އަކަށް ނެތެވެ.(ރޮއިޓާސް)