23 Oct 2013, 19:55
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލްޣަފޫރު ހޯދުމަށް ފުލުހުން އިއުލާން ކޮށްފި އެވެ.
ފުލުހުން ބުނީ އޭނާ ހޯދަން އިއުލާންކޮށްފައި ވަނީ މިއަދު މެންދުރު 2:00 ގައި ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެވަޑައިގަތުމަށް އޭނާ އަށް ޗިޓް ފޮނުވާފައި ވަނިކޮށް ކޯޓަށް ހާޒިރުވެވަޑައިގެންފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން ހާމިދު ކޯޓަށް ހާޒިރުކުރުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ.
ހާމިދުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ހޮޓްލައިން 3322111 އަށް ނުވަތަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަމްބަރު 9991442 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.
ރާއްޖޭގެ ރަށަކުން ނަމަ އެރަށެއްގެ ޕޮލިސް ސްޓޭޝަނަކަށް އަދި ޕޮލިސް ސްޓޭޝަން ނެތް ރަށެއްނަމަ އެރަށެއްގެ ކައުންސިލް އިދާރާ މެދުވެރިކޮށް މޯލްޑިވްސް ޕޮލިސް ސާވިސް އަށް އެންގުމަށް ފުލުހުން ވަނީ އެދިފަ އެވެ.
ހާމިދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ކުޑަކަމުދާއެއްޗިހި ދިނުމަށް އިންކާރު ކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތް މިއަދު ކެންސަލް ކޮށްފައި ވަނީ އޭނާ ކޯޓަށް ހާޒިރުވެވަޑައިނުގަތުމުންނެވެ.