ޕަޕުއާނިއުގިނީގެ ބާޓާގައި ހާލުގައި ޖެހިފައި އޮތް ދިވެހި ބޯޓުގެ އިންޖީނު މަރާމާތު ކުރުމަށް ފަހު ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި އެފްރިކާގެ ކޭޕްޓައުނަށް ދިއުމަށް ބޯޓު ފުރާނެ ކަމަށް މޯލްޑިވިސް ނޭޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންއެސްއެލް) އިން ބުނެފި އެވެ.


އެ ކުންފުނިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ "މޯލްޑިވިސް އެންޓާ ޕްރައިޒަސް" ނަމަކަށް ކިޔާ ބޯޓު ޔޫރަޕްގެ ކަސަބު ލަންކާ އިން ފުރައިގެން އެފްރިކާގެ މަލަބޯ އަށް ދަތުރުކުރަނިކޮށް ބޯޓުގެ އިންޖީނަށް ދިމާވި މައްސަލައެއްގައި ބޯޓު ކަނޑުމައްޗަށް ހުއްޓުނީ ކަމަށާއި ކަނަޑުމައްޗަށް ބޯޓު ހުއްޓުމާ ގުޅިގެން ޓަގެއްގެ އެހީގައި ބޯޓު މަލަބޯއަށް ވެއްދީ ކަމަށެވެ. އަދި އެއަށް ފަހު ބޯޓު މަރާމާތުކޮށް އެފްރިކާގެ ބާޓާއަށް ގެންދިޔައީ ކަމަށް އެ ކުންފުނިން ބުނެ އެވެ.


ނަމަވެސް އެ ހާދިސާ ހިނގާފައި ވަނީ ކޮން ތާރީހެއްގައި ކަމެއް އެ ކުންފުނިން ނުބުނި ނަމަވެސް މޯލްޑިވިސް އެންޓާ ޕްރައިޒަސްގެ ފަޅުވެރިން ބުނަނީ ޕަޕުއާނިއުގިނީގައި އެ ބޯޓް ހާލުގައި ޖެހިފައިވާތާ ތިން މަސް ދުވަސްވެއްޖެ ކަމަށެވެ.


ބާޓާގައި ހާލުގައިޖެހިފައި ބޯޓުގެ ފަޅުވެރިއެއް ކަމަށްވާ އަދި މަޝްހޫރު ތަބައްގޭ އަދުނާނު ސަން އޮންލައިނަށް މައުލޫމާތު ދެމުން މިއަދު ބުނީ ބާޓާގައި ފެތުރެމުންދާ ނުރައްކާތެރި މެލޭރިއާގެ އަސަރު ފަޅުވެރިންނަށް ކޮށްފައިވާ ކަމަށެވެ.


ނަމަވެސް މިއަދު އެމްއެސްއެލް އިން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވަނީ ފަޅުވެރިން " އާންމު ހާލަތު ހުރިހާ ގޮތަކުން ވެސް ރަނގަޅު" ކަމަށެވެ. އެހެންނަމަވެސް ބަލިވެގެން ހޮސްޕިޓަލުގައި އެކަކު އެޑްމިޓްކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މީހާއަށް މެލޭރިއާ ޖެހިފައިވާ ކަމެއް އެމްއެސްއެލްއިން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.


ބޯޓްގައި ހުރި ކާބޯތަކެތި ހުސްވެފައިވާ ކަމަށް ފަޅުވެރިން ބުނަމުންދާ އިރު، ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުނި އެމްއެސްއެލްއިން ބުނަނީ 6 ދުވަހަށް ވާވަރަށް ތެލާއި ފެން ބޯޓްގައި ހުރިކަމަށެވެ. އަދި ކާބޯތަކެތީގެ ތެރެއިން ތަރުކާރީ އާއި މޭވާ ފަދަ ބާވަތްތައް އެ ބޯޓުގައި ނެތުމުން އެތަކެތި ސަޕުލައި ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.


ނަމަވެސް އެވާހަކަތައް ދޮގުކޮށް އަދުނާނު ބުނީ އެ ބޯޓްގެ ފަޅުވެރިން ބަޑު ފުރާނަ މުއްތިކުރަނީ ބޯޓްގެ ޑެގުމަތީގައި ތިބެ މަސްބާނައިގެން ކަމަށެވެ.


"ނުރައްކަލުގެ ތެރޭ ތިބެ މަސްބާނައިގެން އެ މީހުން ބަނޑުފުރާނަ މުއްތިކުރަނީ. މިހާރުވެސް އެ މީހުން ހަށިގަނޑުގެ އެތަން މިތާގައި މަދިރި ހެފުމުގެ ސަބަބުން ނަގާފައިވާ ފިތްތައް ފެނިއްޖެ ނަމަ ތިޔަ ބޭފުޅުން ހައިރާވާނެ. މި ބޯޓްގެ ފަޅުވެރިންނެކޭ އެފްރިކާގެ ހާލުގައިޖެހިފައި ތިބި މީހުންނެކޭ އެއްވަރު." އަދުނާނު ބުންޏެވެ.


އަދި ވާރޭ ވެހުމުން ލިބޭ ފެން ފޮދު ރައްކާކޮށްގެން، ބޯޓްގެ ފަޅުވެރިން ހިއްސާކުރަމުންދާ ކަމަށް އަދުނާ ބުންޏެވެ. އަދި އެ ގޮތުން ވާރޭވެހުނު ދުވަސްވަރު ރައްކާކުރި 1.5 ލިޓަރުގެ ފެން ބޯޓްގައި ހުރި ކަމަށް އަދުނާބު ބުންޏެވެ.


ބޯޓުގައި ތިބި 19 ދިވެހި ފަޅުވެރިން އަތުން ވެސް ފައިސާ ހުސްވެފައިވާ ކަމަށާއި ބޯޓްގެ ފަޅުވެރިންނަށް އެމްއެސްއެލްއިން ދޭން ޖެހިފައިވާ ތިން މަސްދުވަހުގެ މުސާރަ އެ މީހުންގެ އަނބިދަރިންނާ ހަވާލު ކުރުމަށް އެމްއެސްއެލްގައި އެދިފައިވާނެ ކަމަށް އޭނާ ބުންޏެވެ. އަދި އެ ފައިސާ އެ މީހުންގެ އަނބިދަރިންނާއި އެމްއެސްއެލްއިން ހާވާލުކޮށްފައި ނުވުމުން އެމީހުންނަށް ވެސް ވަރަށް ބޮޑެތި ތަދިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އޭނާ ބުންޏެވެ.


ސަން އަށް އެނގިފައިވާ ގޮތުގައި އެ ބޯޓްގައި ތިބި 24 ދިވެހިންގެ ތެރެއިން ފަސް މީހަކު ވަނީ ރާއްޖެ އައިސްފަ އެވެ.