"ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން"ގެ މަގާމަށް މީހަކު އައްޔަން ކުރުމުގެ ގޮތުން ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ)ގައި މިއަދު ބައްދަލުވުމެއް ބާއްވައިފި އެވެ.

ސީއެސްސީ ގައި މިއަދު މެންދުރު ފަހު 2:00 އިން 3:00 އަށް ބޭއްވި އެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސްގެ އިތުރުން ބައިވެރިވެވަޑައިގެންފައި ވަނީ، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޢަބްދުﷲ ޔާމީންގެ ފަރާތްޕުޅުން އަޙްމަދު ސިއްދީގާއި އަދި ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ފަރާތްޕުޅުން ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު އެވެ.

ސީއެސްސީ އިން ބުނީ، ރިޔާސީ ކެންޑިޑޭޓުންނާ އެކު އެ ކޮމިޝަނުން މިއަދު ބޭއްވެވި ބައްދަލުވުމަކީ ގާނޫނު ނަންބަރު 5/2010 (ވެރިކަން ބަދަލުވުމުގެ މަރުހަލާއާ ބެހޭ ގާނޫނު) ގައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންޚާބުވާ ފަރާތުން އެދޭ ގޮތަށް، އެ ގާނޫނުގައި ބުނާ މަސައްކަތަތަކާއި އެހީތެރިކަން ފޯރުކޮށްދިނުމަށް، އެ ގާނޫނުގައިވާ ގޮތުގެ މަތިން "ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން"ގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަކީ އެކޮމިޝަނުން ކުރަން ޖެހޭ ކަމަކަށްވާތީ ބޭއްވި މަޝްވަރާ ބައްދަލުވުމެއް ކަމަށެވެ.

"މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ، ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް މީހަކު އައްޔަން ކުރުމުގައި ކޮމިޝަނުން އަމަލުކުރާނެ ގޮތަކާއި، މިކަމާ ބެހޭ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތަކާމެދު،" ސީއެސްސީން ބުންޏެވެ.

ސީއެސްސީގެ ރައީސާއެކު ބޭއްވެވި ބައްދަލުވުމަށް ފަހު ވެލާނާގޭ ބޭރުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދު ވިދާޅުވީ، އެ ބައްދަލުވުމުގައި "ވެރިކަން ބަދަލުވުމުގެ މަރުހަލާގައި" ކުރަން ޖެހޭ ކަންކަން މިހާރުއްސުރެން ފެށިގެން ބަރާބަރަށް ކުރިއަށް ގެންދެވުމަށް ސީއެސްސީގެ ރައީސަށް އެމަނިކުފާނު ބާރު އެޅުއްވި ކަމަށެވެ.

"އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި ވެރިކަން ބަދަލުވުމުގެ މަރުހަލާއަކީ ވަގުތުގެ އިންތަކެއްގެ ގެތޭގައި ހިފެހެއްޓިފައި އޮންނަ މަރުހަލާއެއް. ގާނޫނު އަސާސީ ބުނާ ގޮތުން ވެއްޖިއްޔާ އެއީ އޮކްޓޫބަރު 10ން ނޮވެމްބަރު 11 އާއި ދެމެދުގެ މަރުހަލާއެއް. އެއީ އަކީއެއް އެހެން ކަމެއްގެ ސަބަބުން ބަދަލުވާނޭ މަރުހަލާއެއް ނޫން،" ކުރީގެ ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ގާނޫނު އަސާސީގައި ބުނެފައިވާ ގޮތުގެ މަތިން އޮކްޓޫބަރު 10ގެ ކުރިން އިންތިޚާބުވެފައިވާ ރައީސަކު ހުންނަން ޖެހޭ ކަމަށާއި އެހެން ކަމުން ވެރިކަން ބަދަލުވުމުގެ މަރުހަލާ އޮކްޓޫބަރު 10 އަކުން ފެށިގެން ފެށިފައިވާ އިރު ވެރިކަން ބަދަލުވުމުގެ އިންތިޒާމްތައް ވެސް މިހާރު ހިނގަމުން ދާންޖެހޭނޭ ދެކެވަޑައިގަންނަވާ ކަމަށެވެ.