23 Oct 2013, 17:47
އަންނަ މަހުގެ ނުވަ ވަނަ ދުވަހު އަލުން ބާއްވާ ރިޔާސީ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން ތަނެއްގައި ވޯޓްލާން ރެޖިސްޓްރީ ކުރުމުގެ ފުރުސަތު މާދަމާ ހެނދުނު ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބޭއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާއި ދެ ވަނަ ބުރަކަށް ދާންޖެހިއްޖެނަމަ އަންނަ މަހުގެ 16 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ވޯޓުލާން ރަޖިސްޓްރީ ކުރަން ޖެހޭނީ، މިހާރު ރަޖިސްޓްރީ ވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓު ލާން ބޭނުންވާ ފަރާތަކަށެވެ.
ވޯޓުލާން ރަޖިސްޓްރީވާން އެދޭ ފަރާތްތަކުގެ ފޯމް ބަލައިގަންނާނީ މާދަމާ ހެނދުނު 9:00 އިން ފެށިގެން ރޭގަނޑު 8:00 އަށެވެ. އަދި ހުކުރު ދުވަހުގެ މެންދުރު ފަހު 2:30 އިން ފެށިގެން އެ ދުވަހުގެ ރޭގަނޑު 10:00 ޖަހަންދެން ވެސް ފޯމު ބަލައިގަންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
އެ ކޮމިޝަނުން ބުނީ އެ މުއްދަތު ހަމަވުމުން ދެ ވަނަ ބުރަށް ރަޖިސްޓްރީ ކުރުމަށް ވަކި ފުރުސަތެއް ހުޅުވާލުމަށް ހަމަޖެހިފައިނުވާ ކަމަށެވެ.