23 Oct 2013, 17:23
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ބޭފުޅަކު ހޮވުމަށް ބާއްވަން އުޅެ ނުބޭއްވިގެން އުޅޭ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ މީހުންގެ ސައްހަކަން ހޯދުމަށް "ފިންގާ ޕްރިންޓް ވެރިފައިކުރުމަށް" ދިމާވެގެން އުޅޭ މައްސަލައަކީ ގަޑިއެއްގެ އިރުތެރޭގައި ވެސް ނިންމާލެވިދާނޭ ކަމެއް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އިނގިލީގެ ނިޝާން "ވެރިފައި" ކުރުމުގެ ގާބިލްކަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގައި ނެތްކަމަށް ބުނަމުންދާ އިރު ނަޝީދު ވިދާޅުވީ އިނގިލީގެ ނިޝާން ވެރިފައިކުރުމަކީ އެހާ އުނދަގޫ ކަމެއް ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށާއި އެއީ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ވެސް ކުރެވިދާނެ ކަމެއް ކަމަށެވެ.
"ވެރިފައި ކުރުމަކީ ޔަގީން ކުރުން. ބަލަން މިއުޅެނީ މީހެއްގެ ފިންގާ ޕްރިންޓް. ދެން އެންމެ ސާފު ފަސޭހަ ގޮތަކީ ކޮބައިތޯ ވެރިފައިކުރުމަށް. އެ ޖެހެނީ ކޮންމެވެސް އެއްޗަކާ އަޅުވަން. އެހެންވީމާ އަޅުވަން މިޖެހެނީ އޭނަގެ އިނގިއްޔާ. އޭނާގެ ފޯނު ނަމްބަރު އެބައޮވޭ އެ ފޯމްގަ ޖަހާފައި. ގުޅާލާފައި އަހާލަންވީ ނޫންތޯ މިއީ ކަލޭގެ ފޯމެއްތޯ. ވެރިފައި ކުރުމަކީ އަސްލު އިނގިލީގެ ވެރިފަރާތުގެ ފޯމެއްތޯ ދެނެގަތުން،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ، އިނގިލީގެ ވެރިޔާ ކަމަށް ބުނާ މީހާގެ ފޯނު ނަންބަރާއި އެމީހާގެ އެޑްރެހާއި އެހެނިހެން މައުލޫމާތު ފޯމުގައި ލިޔެފައި ހުންނަ އިރު އެމީހާގެ ސައްހަކަން ދެނެގަތުމަކީ އެހާ އުނދަގުލުން ކުރަން ޖެހޭ ކަމެއް ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށާއި އަދި އިނގިލީގެ ނިޝާން މިފަދަ ހާލަތެއްގައި އެހާ މުހިއްމު ކަމަށްވެސް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.
"އެހެންވީމާ އަޅުގަނޑު ދެކޭ ގޮތުގައި ތިޔަ ފިންގާ ޕްރިންޓް ޗެކްކުރުމަށް އެއް ގަޑިއިރު ވެސް ނުނަގާނެ. 70000 މީހުންގެ ފިންގާ ޕްރިންޓް ވެރިފައިކުރަން ޖެހުނަސް،" އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވި އެވެ.
ކުރީގެ ރައީސް ނަޝީދު ވިދާޅުވީ "އިލެކްޝަންސް ކޮމިޝަނަށް ވެސް، ތިޔަ ބޭފުޅާ އަށް ވެސް، އަޅުގަނޑަށް ވެސް، މޯބައިލް ފޯނުނަންބަރު ގިނައިން ހުރީ ވެސް އެހެންވީމާ ފޯނު ކުރަން އިނގޭ ކޮންމެ ބޭފުޅަކަށް މިކަންވާނެ،" ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުންނާއި ފުލުހުން ވެސް އަދި ޑީއެންއާރު އިން ވެސް ފިންގާ ޕްރިންޓް ވެރިފައި ކުރުމުގެ މައްސަލައަކީ އުނދަގޫ ކަމެއް ކަމަށާއި އަދި އެންމެ ފޯމެއް ވެރިފައިކުރަން ވެސް ފަސް މިނިޓް ނަގާނޭ ކަމަށް ވަނީ ބުނެފަ އެވެ.
ފޯމު ފުރާ ފަރާތްތަކުން "އެހެން މީހެއްގެ ފިންގާ ޕްރިންޓް ޖަހާފައި، މީހެއްގެ ނަމުގައި ފޯމެއް ހުށަހަޅާއިރު އެކަން ކުރި ބަޔަކު އަމިއްލަ އަށް ގެންގުޅޭ ފޯނު ނަންބަރު އޭގައި ޖަހާފައި ފޮނުވަފާނޭ ކަމަށް ނުވަތަ އެފަދަ ގޮތަކަށް އޮޅުވާލަން މަސައްކަތް ކޮށްފާނޭ ކަމަށް ބެލެވޭ ހާލުގައި ހަދާނޭ ގޮތަކާ ބެހޭ ގޮތުން" ސުވާލު ދެންނެވުމުން ނަޝީދު ވިދާޅުވީ، އޭރުން އެފަދަ ޝައްކު ކުރެވޭ މީހަކު ހުރިނަމަ ގެނެސްގެން ސުވާލު ކުރާނީ ކަމަށެވެ.
"އެހެންވީމަ އޭނާ ގެންނަންވީ ނޫންތޯ. އަޅުގަނޑު މި ދަންނަވަނީ، ވެރިފައިކުރަން ޝައްކު އުފެދޭ މީހަކު ހުރިއްޔާ އޭނައަށް ގުޅާލާފައި އޭނަކައިރީ ބުނަންވީ ނޫންތޯއޭ އަންނާށޭ. މިހާރު މިއުޅެނީ އޭނަ، އޭނަގެ ރަޖިސްޓްރޭޝަނާ ގުޅޭގޮތުން. އޭނައަކީ ރަޖިސްޓްރޭޝަން ހައްގުވާ މީހެއްކަން އެބަ އިނގޭ. އޭނަ އޭނަގެ ރަޖިސްޓްރޭޝަންއާ ބެހޭގޮތުން ދައްކާ ވާހަކައާ އެހެން މީހަކާ ކޮބާތޯ ހުރި ގުޅުމަކީ؟،" ނަޝީދު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައިވާ ގައިޑްލައިންގައި ފޯމްތަކުގައި ފިންގާ ޕްރިންޓް ޖަހަން ޖެހޭނޭ ކަމަށް އޮތް ވާހަކައާ ގުޅުވައިގެން ނަޝީދު ވިދާޅުވީ ފަނޑިޔާރުން ފިންގާ ޕްރިންޓްގެ ވާހަކަފުޅު ދައްކަވާ އިރު އެބޭފުޅުނަށް އެއާ ބެހޭ މާކަބޮޑު މައުލޫމާތެއް އެނގިވަޑައި ވެސް ނުގަންނަވާ ކަމަށާއި އަދި އެއީ ބަޔަކު ދެއްކި ވާހަކައަކަށް ފަނޑިޔާރުން އެއަށް އިތުރު ކުރަށްވައިގެން އުޅުންވާ ނުކުތާއެއް ކަމަށެވެ.
"ފިންގާ ޕްރިންޓަކީ ކިހިނެއް ނަގާ އެއްޗެއްކަން ވެސް އެބޭފުޅުންނަކަށް އެނގިއެއް ވަޑައި ނުގަންނަވާ. ދެން އެބޭފުޅުން އެހެން ތިއްބަވާފައި ކޮންމެ ވެސް ބޭފުޅަކު ވިދާޅުވީމާ މި ވާހަކަ އެ ލިޔުއްވީ،" ކުރީގެ ރައީސް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ވެރިފައި ކުރަން ޖެހޭ ފިންގާ ޕްރިންޓަކީ "އާންމު ހާލަތެއްގައި ތަނަކަށް ދޫވެފައި ދާ އެއްޗެއް" ކަމަށާއި އަދި "ގަސްތުގައި ޖަހާފައި ދާ އެއްޗެއް ނޫން" ކަމަށެވެ.
"ދެން އެ ފިންގާ ޕްރިންޓް އެކްސްޓްރެކްޓް ކޮށްގެން ޑާޓާބޭސްއެއްގައި ހުރި އެހެން މީހަކާ އޭނައާ އަޅުވާ ބެލޭތޯ މިބަލަނީ އިންވެސްޓިގޭޝަންގެ ހާލަތުގައި،" ނަޝީދު ވިދާޅުވި އެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބެއްލެވުމަށް ފަހު އެ ނަތީޖާ ބާތިލްކޮށް އަލުން އިންތިޚާބު ބޭއްވުމަށާއި އަދި ބާއްވާއިރު ފޯމްތައް ސައްހަކަން ދެނެގަތުމަށްޓަކައި އޭގައި އިނގިލީގެ ނިޝާން ޖަހަން ޖެހޭނޭ ކަމަށް ވަނީ އަމުރުކޮށްފަ އެވެ.
އެހެން ނަމަވެސް ރައީސް ނަޝީދު ވިދާޅުވީ "މިއީ އިންވެސްޓިގޭޝަނެއްގެ ހާލަތެއް ނޫން" ކަމަށާއި އަދި ފިންގާ ޕްރިންޓްގެ ސަބަބުން އިންތިޚާބަށް ހުރަސް އެޅޭނޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ.
ފޯނުން ގުޅައިގެން ފިންގާ ޕްރިންޓް ދިމާ ކުރެވިދާނެ ކަމަށް ނަޝީދު ވިދާޅުވި އިރު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ވޯޓުލާތަން ރަޖިސްޓްރީ ކުރި ފޯމްތަކުގައި ހުރީ އެއް ނަމްބަރުތަކެއް ކަމަށް ބުނެ، ވަނީ މައްސަލައެއް ފެންމަތިވެފަ އެވެ.