23 Oct 2013, 17:09
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކޭ ބެހޭ ކޮމިޓީ އަށް ހާޒިރުކުރުމަށް އެ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
އެކޮމިޓީގެ މުގައްރިރު އަދި ދިއްދޫ ދާއިރާގެ މެމްބަރު އަހުމަދު މިއަދު ވިދާޅުވީ އެގޮތަށް ފާސްކޮށްފައި ވަނީ މިއަދު އެ ކޮމިޓީގައި ބޭއްވި ބައްދަލުވުމެއްގައި ކަމަށާއި ފަނޑިޔާރުން ކޮމިޓީ އަށް ހާޒިރުކުމަށް ނިންމާފައި ވަނީ މަޖިލީހުން ކުރަން ބޭނުންވާ އިލްމީ ދިރާސާއެއް ހެދުމަށާއި ނޮވެމްބަރު 11ގެ ފަހުން ގައުމަށް ކުރިމަތިވެދާނެ ހާލަތަކާ ގުޅިގެން ގާނޫނީ ގޮތުން ކުރިމަތިވެދާނެ މައްސަލަތަކާ ބެހޭ ގޮތުން ފަނޑިޔާރުންގެ ލަފާޔާއި އެބޭފުޅުންގެ ރަޔުއު ހޯދުމަށް ކަމަށެވެ.
"އުއްތަމަ ފަނޑިޔާރު ކުރިން ވެސް ވިދާޅުވެފައި އެބަވޭ، އިލްމީ ދިރާސާތައް ކުރުމަށާއި ގައުމަށް ދިމާވާ މައްސަލަތަކާ ގުޅޭ ގޮތުން ގާނޫނީ ގޮތުން ކުރަން ޖެހޭ މަޝްވަރާތަކުގައި އެއްބާރުލުން ދެއްވާނެ ކަމަށް. އެހެންވެ މިއަދުގެ މިހާލަތުގައި އަޅުގަނޑުމެން ބޭނުންވޭ އެބަ އުއްތަމަ ފަނޑިޔާރާ ވެސް މަޝްވަރާކުރުމަށް މިހާރު ގައުމަށް ދިމާވެފައިމިވާ ހާލަތުގައި އެހެންވެ އަޅުގަނޑުމެން އުއްމީދު ކުރަނީ އެބޭފުޅުން މިކަމުގައި އެއްބާރުލުން ދެއްވާނެ ކަމަށް،" ސަމީރު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަޖީހަށް ހާޒިރުކުރުމަށް ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ހުށަހެޅުއްވުމުން އެކަމަށް ތާއީދުކުރެއްވީ ހެންވޭރު ދެކުނު ދާއިރާގެ ހާމިދު އަބްދުލް ގަފޫރު އެވެ. އަދި އެގޮތަށް ފާސްކުރެވިގެން ދިޔައީ ކޮމިޓީގެ މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެކޮމިޓީއަކީ އެމްޑީޕީއާ ޑީއާރުޕީގެ އަގުލަބިއްޔަތު ލިބިފައިވާ ކޮމިޓީ އެކެވެ.
ސަމީރު ވިދާޅުވީ ފަނޑިޔާރުން ހާޒިރު ކުރުމަށް މިއަދު ފާސްކުރި ނަމަވެސް އަދި އެ ބައްދަލުވުން އޮންނާނެ ދުވަހެއް އެޖެންޑާ ނުކުރެވޭ ކަމަށެވެ. އަދި ފަނޑިޔާރުން ބޭނުންފުޅުވާނަމަ އެ ބައްދަލުވުން ކުރިއަށް ދާނީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.