23 Oct 2013, 16:51
އިލެކްޝަން ކޮމިޝަންގައި ޕީޕީއެމުން އެދިފައިވާ ކަންތައްތަކުގައި އެ ކޮމިޝަނުން އެއްބާރުލުން ދެމުން އަންނަ ކަމަށާއި އެކަމަކީ އެ ކޮމިޝަނުން ހެޔޮ ނިޔަތުގައި މަސައްކަތް ކުރަމުންދާ ކަމުގެ ހެއްކެއް ކަމަށް ޕީޕީއެމުން ބުނެފި އެވެ.
ނަސަންދުރާ ޕެލެސް ހޮޓަލުގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި އެޕާޓީގެ އިންތިހާބު ކޮމެޓީގެ މެންބަރު މުހައްމަދު ތޮލާލު ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު ބާއްވަން އޮތް ރިޔާސީ އިންތިހާބުގައި ރަޖިސްޓަރީ ކޮށްފައިވާ މީހުންގެ ވަކި ވަރެއް ވެރިފައި ކުރުމަށް ޕީޕީއެމް އެމްޑީއޭ ކޯލިޝަނުންނާއި ޖުމްހޫރީ ގުޅުމުގެ ފަރާތުން ހުށަހެޅި ހުށަހެޅުމަށް އިލެކްޝަން ކޮމިޝަނުން ފެހި ސިގްނަލެއް ލިބިފައިވާ ކަމަށެވެ. އެގޮތުން މިހާރު އިލެކްޝަން ކޮމިޝަނުން ހުރިހާ ޕާޓީ ތަކާއި ގުޅިގެން އިންތިހާބުގެ ކަންތައް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާތަން ފެނިގެންދާ ކަމަށެވެ.
"ހެޔޮ ނިޔަތުގަ ރަނގަޅު ރޫހުގައި އިންތިހާބު ކުރިއަށް ގެންދިއުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން މިހާރު ޕާޓީތަކާ އެކު މަސައްކަތް ކުރުމުގެ ރޫހެއް އޮތްކަން މިހާރު ފެންނަމުން އެބަދޭ،" އޭނާ ވިދާޅުވި އެވެ.
ތޮލާލު އިތުރަށް ވިދާޅުވީ އިލެކްޝަން ކޮމިޝަނުން ޕާޓީތަކުގެ ރުހުމާއި އެކު އެއްކޮށް މަސައްކަތް ކުރުމުން ގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށާއި އެގޮތަށް މަސައްކަތް ކުރިއަށް ގެންދާނަމަ އެކޮމިޝަނަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ. މީގެ އިތުރުން ރަޖިސްޓަރީ ކޮށްފައިވާ ލިސްޓު ކޮމިޝަނަށް ގެންގޮސް ބަލާލުމުގެ ފުރުސަތަކަށް އެދިފައިވާތީ އެކަމަށް ވެސް ފުރުސަތެއް ލިބޭނެ ކަމުގެ ހަބަރެއް ލިބިފައިވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.