23 Oct 2013, 16:39
ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމުގެ ގޮނޑިގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ ދުސްތޫރީ މައްސަލަ މާދަމަ އަށް ޝެޑިއުލްކޮށްފި އެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުގައި ޝެޑިއުލްކޮށްފައި ވަނީ މާދަމާ މެންދުރު ފަހު 14:30 އަށެވެ.
އާޒިމާއި ނާޝިޒުގެ ވަކީލު ހުސްނުއް ސުއޫދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވެފައި ވަނީ މީގެ އަހަރެއް ކުރިން އަޑުއެހުން ނިމިފައިވާ މައްސަލަ މާދަމާ ނިންމާ ކަމަށެވެ.
އާޒިމާއި ނާޝިޒުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ސުޕްރިން ކޯޓަށް މައްސަލަ ވައްދާފައި ވަނީ ޖުމްހޫރީ ޕާޓީގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ، ވެލިދޫ އެލްޕާސޯ މުހައްމަދު ހަލީމެވެ.
ނާޝިޒާއި އާޒިމްގެ ގޮޑިއާ މެދު ސުވާލު އުފެދުނީ އެ ދެ ބޭފުޅުން ގެރެންޓީ ދެއްވައިގެން ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސްގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ލޯނުތަކަކަށް 117 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން 7 ފެބުރުއަރީ 2010ގައި ކުރި ހުކުމަށް ހައި ކޯޓުން ވެސް ތާއީދުކޮށްފައިވާ އިރު އެ ފައިސާ އެއްވެސް ވަރަކަށް ދައްކާފައި ނުވާތީ އެވެ. އެ ހުކުމް ތަންފީޒު ކުރުމަށް ބީއެމްއެލް އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ނިންމައި މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އެ ކޯޓުން ކުރި ހުކުމްގައި ވަނީ އެ ލޯނުތަކުގެ ބަދަލުގައި، ލޯނު ނެގިއިރު ބެހެއްޓި ރަހުނު ވިއްކާލުމުގެ ހުއްދަ ބީއެމްއެލް އަށް ދީފައިވާ ކަމަށެވެ.
ގާނޫނު އަސާސީގެ 73 ވަނަ މާއްދާގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ސާބިތު ދަރަންޏެއް އޮވެ، އެ ދަރަނި ނުދައްކާ ކަމަށް ސާބިތު ވެއްޖެ ނަމަ ގޮނޑި ގެއްލޭނެ ކަމަށެވެ. އަދި ގާނޫނު އަސާސީގެ 74 ވަނަ މާއްދާގައި ބުނަނީ އެކަން ކަނޑައަޅާނީ ސުޕްރީމް ކޯޓުން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާގެ ގޮނޑި ވެސް ގެއްލިފައި ވަނީ ސާބިތު ދަރަންޏެއް އޮވެ، އެ ދަރަނި ދައްކަމުން ނުދިޔަ މައްސަލައަކާ ގުޅިގެންނެވެ.