23 Oct 2013, 15:55
ރައްޔިތުން މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު، ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ މޫނުމައްޗަށް އޭނާގެ ނަން ބޯޑުނަގައި ޖެއްސުން ކުރަން ފެއްޓުމުން ޖަލްސާ ހުއްޓާލައިފި އެވެ.
އަލީ ވަހީދު، އަބްދުއްރަހީމުގެ މޫނު މައްޗަށް، އަބްދުއްރަހީމްގެ ނަން ބޯޑު ނަންގާފައި ވަނީ މަޖިލީހަށް މިއަދު ހުށަހަޅާފައިވާ ޓޫރިޒަމް ބޮއިކަޓް ކުރުމަށް ގޮވާލުން މަނާ ކުރާ ބިލު އަބްދުއްރަހީމު ހުށަހަޅެމުގެ ތެރޭގައި އަލީ ވަހީދާ ދިމާލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ދަނިކޮށެވެ.
އަބްދުއްރަހީމް ވިދާޅުވީ އަލީ ވަހީދު ވަރަށް "ރައްޔިތުންނަށް ހަރާކޯރުވި" ބޭފުޅެއް ނުހުންނާނެ ކަމަށާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދިމާކޮށް ފާޑުކިޔުމަށް އަލީ ވަހީދު ލަދުގަންނަން ޖެހޭނެ ކަމަށެވެ.
އަލީ ވަހީދު އަބްދުއްރަހީމްގެ މޫނު މައްޗަށް ނަން ބޯޑު ނަގައި ޖެއްސުން ކުރަން ފެއްޓުމުން ރައްޔިތުންގެ މަޖިލީހުގެ މިއަދު މެންދުރު ފަހުގެ ސެޝަން ބެލެހެއްޓެވި، ވެލިދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދު ތަކުރާރުކޮށް އަލީ ވަހީދަށް އެކަން ނުކުރެއްވުމަށް އެންގެވި އެވެ. ނަމަވެސް އަލީ ވަހީދު އަބްދުއްރަހީމްގެ މޫނު މައްޗަށް ނަން ބޯޑު ނެންގެވުން ހުއްޓަވައެއް ނުލެއްވި އެވެ.
ރިޔާސަތުން ޖަލްސާ ނިންމަވާލެއްވީ މަޖިލީހުގެ މެންބަރުންގެ "އަމަލުފުޅުތައް ހުރި ގޮތުން" ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވުމަށް ފަހު އެވެ. މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ އަންނަ ހޯމަ ދުވަހު އެވެ.