ސިވިލް ސާވިސް ކޮމިޝަނުގެ ރައީސްގެ މަގާމަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކޮށްފައިވާ ޑޮކްޓަރު މުހައްމަދު ލަތީފަށް ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ ދަށުން ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވައިކުރެއްވޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުން އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު ވަހީދު ހަސަން މަނިކުގެ އަރިހަށް މިއަދު ސިޓީފުޅެއް ފޮނުއްވައިފި އެވެ.

އެސިޓީގައި ބަޔާންކޮށްފައި ވަނީ ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 158 ވަނަ މާއްދާގައި ޖުޑީޝަލް ސަވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަޔާންކޮށްފައިވާ އިރު ސިވިލް ސަވިސް ކޮމިޝަނުގެ ރައީސަކީ އެ ކޮމިޝަނުގެ މެންބަރެއްކަމަށް އެ މާއްދާގެ (ކ)ގައި ކަނޑައަޅާފައިވާ ކަމަށެވެ. އަދި ޖުޑީޝަލް ސަވިސް ކޮމިޝަނުގެ ކޮންމެ މެންބަރަކުމެ އެ މަގާމާ ހަވާލުވުމުގެ ކުރިން ޤާނޫނު އަސާސީގެ ޖަދުވަލު އެ ގައިވާ ޖުޑީޝަލް ސަވިސް ކޮމިޝަނުގެ މެންބަރުންގެ ހުވައިކޮށް، އެ ހުވައިގެ އިގުރާރުގައި ސޮއިކުރަންވާނެ ކަމަށް ގާނޫނު އަސާސީގެ 166 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ޑރ. ލަތީފު ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުން އައްޔަންކޮށްފައި ވަނީ އޯގަސްޓް މަހު 20 ވަނަ ދުވަހު އެވެ.