23 Oct 2013, 15:31
މާފަންނު ހުޅަނގު ދާއިރާގެ މަޖިލީސް މެންބަރު އަބްދުﷲ އަބުދުއްރަހީމް އެމްޑީޕީ އަށް ސޮއިކުރައްވައިފި އެވެ.
އަބްދުއްރަހީމް އެމްޑީޕީ އަށް ސޮއި ކުރެއްވިކަން އެ ޕާޓީގެ ޗެއާޕާސަން އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ވަނީ ސަން އަށް ކަށަވަރު ކޮށްދެއްވާފަ އެވެ.
މޫސަ ވިދާޅުވީ، އަބްދުއްރަހީމް އެމްޑީޕީ އަށް ސޮއިކުރެއްވީ މިއަދު މެންދުރުގެ ވަގުތެއްގައި އެ ޕާޓީގެ ޕާލިމަންޓުރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހްގެ ހާޒިރުގައި ކަމަށެވެ.
އަބުދުއްރަހީމް އެމްޑީޕީއާ ގުޅިވަޑައިގެންނެވުމުން މިހާރު އެ ޕާޓީގެ ޕާލިމަންޓު ގްރޫޕްގައި އަދަދު ވަނީ 34 މެންބަރުންނަށް އިތުރުވެފަ އެވެ. އަދި ޑީއާޜުޕީގެ މެންބަރުންނާ އެކު މަޖިލީހުގެ ސާފު މެޖޯރިޓީ ވެސް މިހާރު ލިބެނީ އެމްޑީޕީ އަށެވެ.
އަބުދުއްރަހީމް ވަނީ މީގެ ކުރިން ވެސް އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ. އޭގެ ފަހުން އަނެއްކާ ވެސް ޑީއާރުޕީ އަށް ވަޑައިގެންނެވި އެވެ. އަދި އެއަށް ފަހު ޖުމްހޫރީ ޕާޓީއާ ވެސް ގުޅީވަޑައިގެންނެވި އެވެ. އަދި އޭގެ ފަހުން ޖުމްހޫރީ ޕާޓީން ވެސް ވަކިވެވަޑައިގެން ހުންނެވީ މިނިވަން މެންބަރެއްގެ ގޮތުގައެވެ.