މިދިޔަ ހޮނިހިރު ދުވަހު ރާއްޖޭގައި ބާއްވަން އުޅުނު ރިޔާސީ ފުލުހުން ހުއްޓުވި ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އެ ކޮމިޝަނުން ކުރިއަށް ގެންދާ ތަހުގީގަށް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ހާޒިރުކޮށްފި އެވެ.

ޕީއައިސީގެ ރައީސް ޑރ. އަބްދުﷲ ވަހީދު މިއަދު ސަން އަށް ވިދާޅުވީ ކޮމިޝަނަރު އޮފް ޕޮލިސް އެކޮޝަނަށް ހާޒިރުކޮށްފައި ވަނީ މިދިޔަ އާދީއްތަ ދުވަހު ކަމަށާއި އެ މައްސަލާގެ ތަހުގީގަށް ސީޕީގެ އެއްބާރުލުން ލިބިފައިވާ ކަމަށެވެ.
ނަމަވެސް އަދި މިހާތަނަށް ފުލުހުން އިންތިހާބު ހުއްޓުވި ކަމެއް ނުވަތަ ނޫން ކަމެއް ވިދާޅުވެވޭނީ ތަހުގީގު މުޅިން ނިމުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބު ފުލުހުން ހުއްޓުވި ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން މީޑިއާގައި ދައްކަމުން ގެންދާ ވާހަކަތަކާ ގުޅިގެން އެ އިދާރާ އިން ވަނީ ޕީއައިސީގައި އެކަމުގެ ހަގީގަތް ހާމަކޮށްދިނުމަށް އެދި ސިޓީއެއް ފޮނުވައިފަ އެވެ.

މަޖިލީހުގެ 241 ކޮމިޓީގައި ވާހަކަ ދައްކަވަމުން ރިޔާޒު ވިދާޅުވެފައި ވަނީ ފުލުހުން މަސައްކަތް ކޮށްފައި ވަނީ ގާނޫނު އަސާސީ އާއި ސުޕްރީމް ކޯޓުގެ ގައިޑުލައިންތަކާއި ގާނޫނުތަކުގެ އިތުރުން ރިޔާސީ އިންތިޚާބާއި ގުޅޭ ގޮތުން ދައުލަތުގެ އެހެން މުއައްސަސާތަކުން ވެސް އެދެމުން ދިޔަ ފަދައިން ވޯޓުލުމުގެ ހައްގު ލިބިފައިވާ އެންމެހާ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމަށް ކަމަށެވެ.

އިންތިހާބް ހުއްޓުވި މައްސަލައާ ގުޅިގެން އެޗްއާރްސީއެމުން ބުނެފައި ވަނީ ފުލުހުން އިންތިހާބު ހުއްޓުވީ ގާނޫނާ ހިލާފަށް ކަމަށާއި އެކަންތައް ފުލުހުން ކުރީ "މުއައްސަސާގެ އަމިއްލަ ހައިސިއްޔަތުން ނޫން ކަމަށާއި ފުލުހުންގެ މައްޗަށްކޮށްފައިވާ އޯޑަރެއްގެ ދަށުން ކަމަށް" ހޯމް މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި އަހްމަދު ޝަފީއު ވިދާޅުވި ކަމަށް ވެސް އެޗްއާރުސީއެމުން ވަނީ ބުނެފަ އެވެ. އެޗްއާރުސީއެމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ އެކަން ފުލުހުން ކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެފަ އެވެ.