23 Oct 2013, 15:25
"މެރިޓައިމް ލޭބާ ކޮންވެންޝަން 2006"ގައި ދިވެހިރާއްޖެ އިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ އަށް ލަފާއަރުއްވައިފި އެވެ. މިގޮތަށް ލަފާއެރުއްވީ މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި މި މުއާހަދާގައި ބައިވެރިވުމާ ގުޅޭ ގޮތުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަނުން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގަ އެވެ.
މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި މި ކޮންވެންޝަންގައި ރާއްޖެ ބައިވެރިވުމަކީ ބޭރު ގައުމުތަކުގެ ބަނދަރުތަކަށް ދިވެހިރާއްޖެ އިން ގޮސް އައިސްވާ އުޅަނދުތަކަށާއި ދިވެހިރާއްޖެ ނޫން އެހެން ގައުމުތަކުގެ ބޯޓުފަހަރުގައި މަސައްކަތްކުރާ ދިވެހިންނަށް މި ކޮންވެންޝަންގެ ދަށުން ލިބިދޭ ހައްގުތައް ލިބިދިނުމުގެ މަގު ފަހިވެގެންދާނެކަން ފާހަގަކުރެއްވި އެވެ.
ދިވެހިރާއްޖެ ވަނީ އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަންގެ 183 ވަނަ މެންބަރު ގައުމެއްގެ ގޮތުގައި 15 މެއި 2009ގައި ހިމެނިފަ އެވެ.
"މެރިޓައިމް ލޭބާ ކޮންވެންޝަން 2006"ގައި ރާއްޖެ އިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމެވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ލަފާ ހޯއްދެވުމަށް އެ މަޖިލީހަށް އެކަން ރައީސުލްޖުމްހޫރިއްޔާ ވަރަށް އަވަހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.