23 Oct 2013, 15:22
ނ. މާފަރު ހިތްފަސޭހަގޭ ހަސަން އަބޫބަކުރު،65، މަރާލިކަމަށް ތުހުމަތު ކުރެވޭ ދެ މީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ސާބިތުކުރުމަށް ދައުލަތުން 16 މީހަކު ހެކީންގެ ގޮތުގައި ހުށަހަޅައިފި އެވެ.
ހަސަން އަބޫބަކުރު މަރާލިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައި ވަނީ ގ. އިރުފާ އަހުމަދު ނައުޝާދާއި ލ. އިސްދޫ އެވަލާސްޓް މުހައްމަދު ފައިސަލްގެ މައްޗަށެވެ.
ހުށަހެޅި 16 ހެކީންގެ ތެރެއިން ދެ މީހަކު ހުށަހަޅާފައި ވަނީ ސިއްރު ހެކީންގެ ގޮތުގަ އެވެ.
ދައުވާ ލިބޭ ދެ މީހުންނަށް ދިފާއީ ހެކި ހުށަހެޅުމަށް ފުރުސަތު އެރުވުމުން އެމީހުންގެ ތެރެއިން ފައިސަލް ބުނީ ދިފާއުގައި ހުށަހަޅާނެ ހެއްކެއް ނެތް ކަމަށެވެ. ނަމަވެސް ނައުޝާދު ވަނީ އޭނާގެ މަންމަ ނަސްރީނާ ޒަކަރިއްޔާ ހެއްކެއްގެ ގޮތުގައި ހުށަހަޅާފަ އެވެ.
އެ ދެ މީހުންގެ މައްޗަށް ދައުލަތުން ކުރި ދައުވާގައި ބުނެފައި ވަނީ ނައުޝާދާއި ފައިސަލާއި 18 އަހަރުން ދަށުގެ ކުއްޖަކު ބައިވެރިވެގެން މިދިޔަ އަހަރުގެ މެއި 29 ވަނަ ދުވަހުގެ ރޭ ދަންވަރު 1:00 ޖަހާ އެހާކަންހާން ހާއިރު ނ. މާފަރު ހިތްފަސޭހަ ގެއަށް ވަދެ، ހަސަން އަބޫބަކުރު ނިދާފައި އޮއްވާ އެ ތިން މީހުން އޭނާ ހިފަހައްޓައި އެމީހުންގެ ތެރެއިން ފައިސަލް އޭނާގެ އަނގަމަތީގައި ޓީޝާޓެއް އަޅައި ލޯމަތީގައި ބާލީހެއް އެޅުމުން ނައުޝާދާއި 18 އަހަރުން ދަށުގެ ކުއްޖާ ހަސަން އަބޫބަކުރުގެ އަތުގައި ހިފަހައްޓައި އިންސިއުލެޝަން ޓޭޕުން ދެއަތް ބަނދެ އޭނާ ރަހީނު ކުރި ކަމަށެވެ.
އެ މީހުންގެ އެ އަމަލުތަކުގެ ސަބަބުން ހަސަން އަބޫބަކުރު މަރުވެފައިވާ ކަމަށް ވެސް ދައުލަތުން ކުރި ދައުވާގައި ބުނެފައިވެ އެވެ.
އެ ދެ މީހުންގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ ދިވެހިރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެ ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ ގާނޫނުގެ ހަ ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހެއްގައި އޮންނާނީ ހެކީންގެ ހެކިބަސް ނެގުން ކަމަށެވެ.