23 Oct 2013, 15:13
ދައުލަތުން އުފުލާފައިވާ ކުޑަކަމުދާ އެއްޗިހި ދިނުމަށް އިންކާރު ކުރުމުގެ ކުށުގެ ދައުވާއާ ގުޅިގެން މިއަދު ބާއްވަން ޝެޑިއުލްކުރި ޝަރީއަތުގެ މަޖިލީހަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލްޣަފޫރު ހާޒިރުވެވަޑައިނުގަތުމުން ޝަރީއަތް ކެންސަލްކޮށްފި އެވެ.
ކްރިމިނަލް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ މިއަދު 2:00 އަށް ޝެޑިއުލްކުރި ޝަރީއަތުގެ މަޖިލީހަށް ހާމިދު ހާޒިރުވެވަޑައިނުގަތުމުން ޝަރީއަތް ކެންސަލް ކޮށްފައިވާ ކަމަށެވެ.
ހާމިދުގެ ވަކީލު ހުސައިން ޝަމީން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު އޮންނަ ގޮތުން މަޖިލީހުގެ ޖަލްސާތަކަށް ހުރަސް އެޅޭ ގޮތަށް މެމްބަރަކު ޝަރުއީ ކޯޓަށް ހާޒިރު ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން މިއަދަކީ މަޖިލީހުގެ ޖަލްސާ އޮންނަ ދުވަހަކަށްވެފައި މިއަދުގެ ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެވަޑައިގެންނެވެން ނެތްކަމަށް ވިދާޅުވެ ކްރިމިނަލް ކޯޓަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ.
ނަމަވެސް މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާ ވަނީ 2:00 ގެ ކުރިން ނިމިފަ އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައި ހދ. ހޮނޑައިދޫގައި ހާމިދާއި އިތުރު ބަޔަކު މަސްތުވާތަކެތި ބޭނުންކުރި ކަމަށް ތުހުމަތު ކުރެވިގެން ކުޑަކަމުދާއެއްޗިހި ދިނުމަށް ފުލުހުން އެންގުމުން އޭނާ އެކަމަށް އިންކާރުކޮށްފައިވާ ކަމަށް ދައުލަތުން ކުރި ދައުވާގައި ވަނީ ބުނެފަ އެވެ.
އެ މައްސަލައިގައި ދެން އޮންނާނީ ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް ނެގުން ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފަ އެވެ.