ފުވައްމުލަކު ބަނދަރު ސަރަޙައްދުގައި ހުރި ޕެޓްރޯލް ޝެޑް ކައިރީގައި އިއްޔެ ހިންގި މާރާމާރީއާއި ފުވައްމުލަކު މައިލޯ ސްޓޭޑިއަމް ކައިރީ ހިންގި މާރާމާރީއާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 12 މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި 12 މީހުންގެ ތެރޭގައި ހިމެނެނީ މިދިޔަ ހޯމަ ދުވަހުގެ މާރާމާރީ މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ހަތަރު މީހުންނާއި އިއްޔެ ހިންގި މާރާމާރީއާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އަށް މީހުން ކަމަށެވެ.

ފުލުހުން ބުނީ އެ ދެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 19 އަހަރުގެ ތިން ފިރިހެނަކާއި 20 އަހަރުގެ ތިން ފިރިހެނަކާއި 21 އަހަރުގެ ފިރިހެނަކާއި 18 އަހަރުގެ ފިރިހެއްނެގެ އިތުރުން 17 އަހަރުގެ ތިން ކުއްޖަކާއި 16 އަހަރުގެ ކުއްޖެއް ކަމަށެވެ. އަދި އެ މީހުންގެ ތެރެއިން 19 އަހަރުގެ ދެ މީހަކާއި 20 އަހަރުގެ ތިން މީހުންނާއި 18 އަހަރުގެ މީހާގެ އިތުރުން 17 އަހަރުގެ އަދި 16 އަހަރުގެ ކުއްޖާ ހައްޔަރުކޮށްފައިވަނީ އިއްޔެ ހިންގި މާރާމާރީ މައްސަލައާއި ގުޅިގެން ރޭގެ އެކި ވަގުތުތަކުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭގެ އިތުރުން 21 އަހަރުގެ މީހާއާއި 19 އަހަރުގެ މީހާގެ އިތުރުން 17 އަހަރުގެ ދެ ކުދިން ހައްޔަރުކޮށްފައި ވަނީ ހޯމަ ދުވަހު ހިންގި މާރާމާރީ މައްސަލައާއި ގުޅިގެން އިއްޔެ އެކި ވަގުތުތަކުގައި ކަމަށެވެ. އަދި އެ ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މާރާމާރީ އާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހުންނަކީ މާރާމާރީއާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑްސް އޮންނަ މީހުން ކަމަށެވެ.

އެ މާރާމާރީގެ މައްސަލަތައް ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.