ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލާ މީހުން ރަޖިސްޓްރީ ކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ފޯމްތަކުގައި ޖަހާފައިވާ އިނގިލީގެ ނިޝާން ޝައްހަތޯ ބެލުމަށް މިނެޓަކު ފަސް އިނގިލީގެ ނިޝާން ޗެކްކުރުމުގެ ގާބިލްކަން މިހާރު ލިބިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ކުރިން ބުނެފައި ވަނީ ރީ ރެޖިސްޓްރޭޝަނަށް ހުށަހަޅަފައިވާ ފޯމްތަކުގައިވާ އިނގިލީގެ ނިޝާންތަކުގެ ތެރެއިން ފުލުހުންގެ ސިސްޓަމްތަކުގައި މިހާރު ހުރި ފިންގާ ޕްރިންޓްތައް ކަށަވަރުކުރުމަށް ތިން މިނެޓް ބޭނުންވާ އިރު އެހެން ފަރާތްތަކުގެ ފިންގާ ޕްރިންޓްތައް ކަށަވަރުކުރަން ފަސް މިނެޓް ބޭނުންވާނެ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ރީރެޖިސްޓްރޭޝަނާ ގުޅިގެން ފުލުހުންގެ އިދާރާއަށް ހުށަހަޅާ ފޯމްތަކުގައިވާ އިންގިލީގެ ނިޝާންތައް ޝައްހަތޯ ބެލުމުގެ ގާބިލްކަން އިތުރުކުރީ މެނުއަލްކޮށް ވެސް އެކަންތައް ކުރެވޭނެ ގޮތްތަކެއް ހަމަޖައްސައިގެން ކަމަށެވެ. އަދި އިނގިލީގެ ނިޝާން ޝައްހަތޯ ބެލުމުގައި ބަލާނީ ޑިޕާޓްމަންޓް އޮފް ނޭޝަނަލް އިން ރީ ރެޖިސްޓްރޭޝަން ފޯމްގައިވާ އިނގިލީގެ ނިޝާން ދިމާވޭތޯ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސިސްޓަމް ބޭނުންނުކޮށް މެނުއަލްކޮށް ވެސް އެކަން ކުރެވޭނެ ގޮތްތަކެއް އަޅުގަނޑުމެން މިހާރު މިވަނީ ހަމަޖައްސައިފައި، އެގޮތުން މިހާރު މިނެޓަކު ފަސް ފިންގާޕްރިންޓް ސައްހަތޯ ކަށަވަރުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

ރަށްވެހިވެފައިވާ ރަށް ނޫން އެހެންތަނެއްގައި ވޯޓުލުމަށް 71،000 މީހުން މީހުން މިފަހަރު ރީ ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. މިދިޔަ ފަހަރު ރީ ރަޖިސްޓްރީކޮށްފައި ވަނީ 62،000 މީހުންނެވެ.

އަންނަ މަހުގެ ނުވަ ވަނަ ދުވަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން އެކުލަވާލައިފައިވާ ކަލަންޑަރުގައިވާ ގޮތުގައި ރީ ރަޖިސްޓްރޭޝަން ފޯމްތަކުގައިވާ ފިންގާ ޕްރިންޓް ޑީއެންއާރަށް ފޮނުވައިގެން ވެރިފައި ކުރުމަށް ނިންމާފައި ވަނީ ނޮވެމްބަރު 3 ވާ އާދިއްތަ ދުވަހު އެވެ.