ސިއްރު ޓުވިޓާ ހޭންޑްލްއެއް ބޭނުންކޮށްގެން ސަރުކާރަށް ފާޑުކިޔަމުން ދިޔަ އެމެރިކާގެ ރައީސް އޮފީސް ވައިޓް ހައުސްގެ ގައުމީ ސަލާމަތާ ބެހޭ އިސް އޮފިޝަލެއް ވަޒީފާ އިން ވަކިކޮށްފި އެވެ.

އިނގިރޭސިވިލާތުގެ ގާޑިއަން ނޫހުން ބުނީ ވައިޓް ހައުސްގެ ޑިރެކްޓާ އޮފް ނިއުކްލިއާ ނޮން-ޕްރޮލިފަރޭޝަންގެ މަގާމުގައި ހުންނަވައިގެން އިރާންގެ ނިއުކްލިއާ މައްސަލަ ބަލަމުން ދިޔަ ޖޮފީ ޖޯސެފް މަގާމުން ދުރުކޮށްފައި ވަނީ ސިއްރު ޓުވިޓާ ހެންޑްލްއެއް ބޭނުންކޮށްގެން ދެ އަހަރު ދުވަސް ވަންދެން ސަރުކާރަށް ފާޑުކިޔާފައިވާކަން ސާބިތުވުމުން ނެވެ. ޖޮފީ ޖޯސެފް ބޭނުންކޮށްފައިވާ ސިއްރު ޓުވިޓާ ހެންޑްލް އަކީ "NatSecWonk@" އެވެ.

މިޓުވިޓާ ހެންޑްލް ބޭނުންކޮށްގެން ޖޮފީ ވަނީ އެމެރިކާގެ ރައީސް ބަރަކް އޮބާމާ އަށާއި ސަރުކާރުގެ ވަޒީރުންނަށް ވަރަށް ބޮޑަށް ފާޑުކިޔުއްވާފަ އެވެ.

މިގޮތުން އެއް ޓުވީޓެއްގައި އޮބާމާ ގެންގުޅުއްވާ މުވައްޒަފުންނަކީ ބޭކާރު ބައެއް ކަމަށް ޖޮފީ ލިޔުއްވާފައިވެ އެވެ.
އަދި އެހެން ޓުވީޓެއްގައި އެމެރިކާގެ ސެނެޓްގެ ބައެއް މެމްބަރުންނަކީ "ސިފަ ހުތުރު" ބައެއް ކަމަށް ދޭހަވާ ގޮތަށް ވެސް ޖޮފީ ޖޯސެފް ޓުވީޓްކުރައްވާފައިވެ އެވެ.

މިކަމާ ގުޅިގެން ވައިޓް ހައުސްއިން ބުނެފައި ވަނީ އުމުރުން 40 އަހަރުގެ ޖޮފީ ޖޯސެފް މަގާމުން ދުރުކޮށްފައިވާ ކަން ކަށަވަރުކޮށްދޭ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލް ހާމަކުރަން ވައިޓް ހައުސް އިން ވަނީ ދެކޮޅު ހަދާފަ އެވެ.

އެމެރިކާގެ ނޫހެއް ކަމަށްވާ ޕޮލިޓިކޯއަށް ކުރި އީމެއިލެއްގައި ޖޮފީ ވިދާޅުވީ މަޖަލަކަށް ފެށި ކަމަށް ނުހުއްޓި، ހައްދުފަހަނައަޅާ ޒާތީ ގޮތުން މީހުންނާ ދިމާކުރާ ކަހަލަ ޓުވީޓްތަކެއް ކުރެވުނު ކަމަށާއި އެކަމަށްޓަކައި ފުރިހަމަ ޒިންމާ ނަގާ ކަމަށެވެ.

ގާޑިއަންއިން ވައިޓް ހައުސްގެ އޮފިޝަލަކާ ހަވާލާދީ ބުނީ ޖޮފީ ޖޯސެފް މަގާމުން ދުރުކޮށްފައި ވަނީ އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންގެ އިސް މަގާމަކަށް ޕްރޮމޯޓްކުރަން ހަމަޖެހިފައިވަނިކޮށް ކަމަށެވެ.