ކައިވެނި ރޫޅުމުން ދެމަފިރިންގެ މެދުގައި މުދާ ބެހުމާ ބެހޭ ގާނޫނަށް އިސްލާހު ގެންނައުމުގެ ބިލް މަޖިލީހުން ބަލައިގަންފި އެވެ.
އެ ބިލް މިއަދު މަޖިލީހަށް ހުށަހަޅައި ދެއްވީ ގަލޮޅު ދެކުނު ދާއިރާގެ ޕީޕީއެމް މެމްބަރު އަހްމަދު މަހްލޫފެވެ. އެ ބިލްމާޖިލީހަށް ބަލައިގެންފައި ވަނީ ހާޒިރުވި 52 މެންބަރުންގެ ތެރެއިން 37 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

މަހްލޫފް ހުށަހެޅި ބިލުގައިވާ ގޮތުން ދެ މަފިރިއެއްގެ ކައިވެންޏެއް ރޫޅުމުން އެކުގައިވާ މުދާ ދެ މީހުންނަށް ހަމަހަމައަށް ބެހުމުގެ ބާރު ފަނޑިޔާރަށް ލިބޭ އިރު، އެ މުދަލުން ނުވަތަ ފައިސާ އިން ނުވަތަ މަސައްކަތުން ކޮންމެ ފަރާތަކުން ވެސް އަދާކޮށްފައިވާ މިންވަރާއި ދަރިން ލިބިފައިވާ ނަމަ އެ ކުދިންގެ ޟަރޫރަތު އަދި ދެ ފަރާތުގެ މަންފާއަށް ޓަކައި ނަގާފައިވާ ދަރަންޏެއް ކަމުގައި ވާންޖެހެ އެވެ.

މަހުލޫފް ވިދާޅުވީ، ރާއްޖޭގެ ގިނަ އަންހެނުން ވަރަށް ދަތި ހާލުގައި ދިރިއުޅެމުން އަންނަ ކަމަށާއި އެހެން ނަމަވެސް ކައިވެންޏެއް ކޮށްގެން ވަރިވާ ހިސާބަށްދާ އިރު، އަންހެން މިހާ ގެއިން ނުކުމެގެން ދާންޖެހެނީ ހުސްއަތާ ކަމަށެވެ. އަދި ކައިވެނިކޮށްގެން އުޅޭ އިރު ހޯދާފައިވާ މުދާ ހަމަހަމަ އަށް ބަހައިފި ނަމަ، އަންހެންމީހާ ހުސްއަތާ އެނބުރި ގެއަށްދާން ނުޖެހޭނެ ކަމަށް މަހުލޫފް ވިދާޅުވި އެވެ.

އިތުރަށް ވާހަކަ ދައްކަމުން މަހުލޫފް ވިދާޅުވީ، ޕީޕީއެމްގެ މެނިފެސްޓޯގައި ވެސް އަންހެންނުންގެ ހައްގުތައް ރައްކާތެރި ކުރުމަށް ހާއްސަ ކަންތައްތަކެއް ހިމަނާފައިވާ އިރު، މިއަދު މަޖިލީހަށް ހުށަހެޅުނު ބިލް ފާސްވެއްޖެ ނަމަ މެނިފެސްޓޯގައި ހިމަނާފައިވާ ކަންތައްތައް ތަންފީޒު ކުރަން އިތުރަށް ފަސޭހަވެގެންދާނެ ކަމަށެވެ.

މި ބިލަށް މަޖިލީހުގައި މިއަދު ބަހުސް ކުރެއްވި ގިނަ މެމްބަރުން ވިދާޅުވީ މުދާ ބެހުމުގައި ފަނޑިޔާރަށް ބޮޑެތި ބާރުތަކެއް ދީފައިވުމުން އެއީ އެއްވެސް އިންސާފުވެރި ގޮތެއް ނޫން ކަމަށާއި އެ ބިލުގައި ހުރި ބައެއް މާއްދާތައް އިސްލާމީ ޝަރީއަތާ ސިދާ ފުށުއަރާ ކަމަށެވެ. އަދި އެ ބިލު ބަލައިގަނެ ގިނަ އިސްލާހުތަކެއް ހުށަހަޅަން ޖެހޭ ކަމަށް ގިނަ މެންބަރުން މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކި އެވެ.