30 Nov 2010, 09:08
ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭ ވަޒީރުން މަގާމުގައި ތިއްބެވުމާ ބެހޭ ގޮތުން މިއަދު ބާއްވަން އުޅުނު ސުޕްރީމް ކޯޓުގެ އަޑުއެހުން ކެންސަލްކުރީ ބެންޗުގެ ފަނޑިޔާރުން ހަމަނުވުމުގެ ސަބަބުން ކަމަށް ސުޕްރީމް ކޯޓުން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދާއި ޕީއޭގެ ޑެޕިއުޓީ ލީޑަރު މޫސާ ޒަމީރު ހުށަހަޅާފައިވާ މައްސަލައާއި ގައުމީން ޕާޓީން ހުށަހަޅާފައިވާ މައްސަލަ ވެސް ޝެޑިއުލްކޮށްފައި އޮތީ މިއަދު ހެނދުނު 10.30 އަށެވެ. ނަމަވެސް، މައްސަލައިގެ އަޑުއެހުން ކެންސަލް ކުރީ ދެ ފަރާތުގެ ބޭފުޅުން ކޯޓަށް ވެއްދުމަށް ފަހު އަދި ނޫސްވެރިން ވެސް ވެއްދުމަށް ފަހު، ޝަރީއަތް ފަށަން ދިހަ ވަރަކަށް މިނެޓަށް ވެފައި ވަނިކޮށެވެ.
ޝަރީއަތް ކެންސަލްކުރިތާ ދެ ގަޑިއިރެއްހާއިރު ފަހުން ސުޕްރީމް ކޯޓުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ ދެ މައްސަލައަކީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުން ތިއްބަވައިގެން ޝަރީޢަތްކުރުމަށް ހަމަޖައްސަވާފައިވާ ދެ މައްސަލައަށް ވާއިރު، ޝަރީއަތް ކެންސަލް ކުރަން ޖެހުނީ އެތަނުން އެއް ފަނޑިޔާރަކު ރާއްޖޭގައި ވަޑައިގެން ނޫޅުއްވާތީ ކަމަށެވެ.
އެ ފަނޑިޔާރުގެ ނަން ނުޖަހައި ނެރުނު ބަޔާނުގައި ބުނަނީ، އޭނާގެ ދަރިފުޅަކު ވަރަށް ބޮޑަށް ބަލިވެ އުޅޭތީ ފަނޑިޔާރު ހުންނެވީ ބޭސްފަރުވާއަށް ރާއްޖޭއިން ބޭރުގައި ކަމަށެވެ.
"... ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުން ތިއްބަވައިގެން ޝަރީޢަތްކުރުމަށް ހަމަޖައްސަވާފައިވާ ދެ މައްސަލަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ ތުއްޕުޅު ބޭފުޅަކު ވަރަށް ބޮޑަށް އާލާސްވުމާ ގުޅިގެން އެ ފަނޑިޔާރު ބޭސްފަރުވާއަށް ވަޑައިގެން ހުންނެވުމާ ގުޅިގެން، މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ދެ މައްސަލައިގެ އަޑުއެހުން ނުބާއްވާ ގޮތަށް ހަމަޖައްސަވައިފި،" އެ ބަޔާނުގައިވެ އެވެ.
ސަން އޮންލައިނަށް އިތުބާރު ހުރި ފަރާތަކުން މައުލޫމާތު ދިން ގޮތުގައި، މިއަދުގެ ޝަރީއަތަށް ވަޑައިނުގެންނެވުނު ފަނޑިޔާރަކީ ކުރީގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒް އަބްދުﷲ ސައީދެވެ. އޭނާ ހުންނެވީ މި މައްސަލަ ޝެޑިއުލްކުރި އިރު ވެސް ރާއްޖެއިން ބޭރުގައި ކަމަށާއި މިއަދު ހެނދުނު އަޑުއެހުން ބޭއްވުމަށް ކޯޓުން ހަމަޖެއްސީ އޭނާ އަށް މާލެ އެނބުރި ވަޑައިގެންނެވޭނެ ކަމަށް އުއްމީދުކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ދެ މައްސަލައިގެ އަޑުއެހުން ބާއްވާނެ ތާރީޚެއް، "އަވަސް ފުރުޞަތެއްގައި ސުޕްރީމް ކޯޓުން އިޢްލާންކުރާނެ" ކަމަށް އެ ކޯޓުން މިއަދު ބުނެފައިވީ ނަމަވެސް، އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން މިދިޔަ ހުކުރު ދުވަހު ސަން އޮންލައިނަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މާދަމައިން ފެށިގެން ޗުއްޓީ އަށް ވަޑައިގަތުމުގެ ކުރީން އެ ކޯޓަށް ހުށަހެޅިފައިވާ ބޮޑެތި މައްސަލަތައް ނިންމަވާނެ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ހުށަހެޅި އެ ދެ މައްސަލާގައި ވެސް ޖަވާބުދާރީވުމަށް މިއަދު ދައުވަތުދީފައި ވަނީ، ބަންޑާރަ ނައިބުގެ އޮފީހަށެވެ. ނަމަވެސް، މަޖިލީހުން ރުހުން ލިބިފައިނުވާ ބޭފުޅުންގެ ތެރޭގައި ބަންޑާރަ ނައިބަކަށް، ރައްޔިތުންގެ މަޖިލީހުން ރުހުން ލިބިފައި ނުވާ ޑރ. އަހްމަދު އަލީ ސަވާދުގެ ނަންފުޅު ވެސް ހިމެނެ އެވެ.
ޑރ. އަހުމަދު އަލީ ސަވާދަށް ރައްޔިތުންގެ މަޖިލީހުން ރުހުން ލިބިފައި ނުވާތީ، ދައުލަތުން ދައުވާ ކުރާ މައްސަލަތައް ސިވިލް ކޯޓަށް ބަލައިގަތުން ވަނީ ހުއްޓާލައިފަ އެވެ.