23 Oct 2013, 13:08
ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) މިއަހަރުގެ ފުޓްބޯޅަ ސީޒަން ނިމުމުން ރާއްޖެއިން ބޭރުގެ ކޮންމެވެސް ގައުމެއްގެ ޓީމަކާ ގުޅެން މަސައްކަތް ކުރަމުން ގެންދާކަމަށް ދަގަނޑޭ ބުނެފި އެވެ.
މިއަދު "ސަން"އާ ވާހަކަ ދައްކަމުން ގައުމީ ޓީމުގެ ކެޕްޓަން އަދި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ފޯވާޑް ބުނީ، ނިއުއާ އެކު ހަދާފައިވާ "ކޮންޓްރެކްޓް"ގެ މުއްދަތު މި ސީޒަންގެ ނިޔަލަށް ހަމަވުމުން ރާއްޖޭގެ އެހެން ޓީމަކާއެކު ކޮންޓްރެކްޓެއް ހަދަން ވިސްނާފައި ނުވާ ކަމަށާއި އަދި އޭނާގެ ވިސްނުން މިހާރު ހުރީ ބޭރުގެ ރަނގަޅު ޓީމަކަށް ކުޅެން ކަމަށެވެ.
"ނިއުއާ ވާހަކަ ދައްކައިގެން އަޅުގަނޑުމެން މިހާރު ނިންމާފައި މިވަނީ ކޮންޓްރެކްޓް އާ ނުކުރުމަށް. ދެން އަޅުގަނޑު ބޮޑަށް މި ވިސްނަނީ، ބޭރުގެ ކްލަބަކަށް ކުޅެން. މިވަގުތު ވިސްނާފައެއް ނެތް ރާއްޖޭގެ އެއްވެސް ކްލަބަކާ ގުޅޭކަށް،" ދަގަނޑޭ ބުންޏެވެ.
ނިއުރޭޑިއަންޓްގެ ވެބްސައިޓުގައި އެ ކްލަބުން ވެސް ބުނެފައިވަނީ، މިރޭ މާޒިޔާއާ ދެކޮޅަށް ކުޅޭ ފައިނަލް މެޗަކީ ދަގަނޑޭ ނިއުއަށް ކުޅޭ އެންމެ ފަހު މެޗު ކަމަށެވެ.
"މި ސީޒަނަށް ފަހު އަލީ އަޝްފާގުގެ ކޮންޓްރެކްޓް ހަމަވާއިރު، އަދި ކުރިއަށް އޮތް ސީޒަންގައި ބޭރުގެ ކްލަބަކަށް ކުޅުމުގެ ޝައުގުވެރިކަން އޭނާ ފާޅުކޮށްފައިވާއިރު ކްލަބާއި އަޝްފާގާ ދެމެދު މިވަނީ ކޮންޓްރެކްޓް އިތުރަށް އާނުކުރުމަށް ނިންމާފައި،" ނިއުގެ ވެބްސައިޓްގައިވެ އެވެ.
އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ ފުޓްބޯޅަ ސީޒަންގައި ދަގަނޑޭގެ ފަރާތުން އާދަޔާ ޚިލާފު މޮޅުކުޅުމެއް ދައްކަމުންދާއިރު އޭނާއަށް ފާރަލަމުންދާ ބޭރުގެ ޓީމުތައްވެސް މަދެއް ނޫނެވެ.
"ބޭރުގެ ވަރަށް ގިނަ ކްލަބްތަކުން އަޅުގަނޑު ގެންދަން ބޭނުންކަމަށް ބުނަމުން ގެންދަނީ. އޭގެ ތެރޭގައި ކުވޭތު، އޮމާން، އިންޑިއާ ބުރޫނާއީ އަދި މެލޭޝިޔާގެ ކްލަބްތަކުން އެބަހުރި އޮފާތައް ލިބިފައި،" ދަގަނޑޭ ބުންޏެވެ.
ދަގަނޑޭ ބުނީ ކްލަބެއް އިހްތިޔާރު ކުރުމުގައި ލިބޭ އެއްޗަކަށް ވެސް ބަލާނޭ ކަމަށާއި އެހެން ނަމަވެސް ވަރުގަދަ ލީގަކަށް ކުޅެން ފުރުސަތު ލިބިއްޖެ ނަމަ، މުސާރައަށްވުރެ ބޮޑަށް ވިސްނާނީ ފުރުސަތު ލިބޭ ކްލަބަށް ކަމަށެވެ.
"މުސާރައަކީ ވެސް ވަރަށް މުހިއްމު އެއްޗެއް. އެހެން ނަމަވެސް ރަނގަޅު ލީގަކަށް ކުޅޭ މޮޅު ކްލަބަކުން ފުރުސަތު ލިބިއްޖިއްޔާ ދާނޭ ކްލަބެއް ކަނޑައެޅުމުގައި އެއީ އަޅުގަނޑު ވިސްނާނޭ ކަމެއް،" ހުނަރުވެރި ފޯވާޑް ބުންޏެވެ.
ބޭރުގެ ކްލަބަކަށް ކުޅެން ދަގަނޑޭއަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ 2004 ވަނަ އަހަރު ޕޯޗްގީޒްގެ ފުޓްބޯޅައިގެ ގަދަ ބާރެއް ކަމަށްވާ ބެންފިކާ އިންނެވެ. އެހެން ނަމަވެސް ބެންފިކާގެ ޔޫތު ކްލަބަށް ކުޅެން ލިބުނު ރަނުގެ ފުރުސަތު ދަގަނޑޭ އެފަހަރު ދޫކޮށްލީ ހަމަ އެންމެ ފަހު ވަގުތު އެވެ.
ދަގަނޑޭ ބުނީ، ކުރިން ލިބުނު ރަނގަޅު ފުރުސަތުތަކުގެ ބޭނުން އޭރު ނުހިފުނު ކަމުގައިވީ ނަމަވެސް މިހާރު އެފަދަ ފުރުސަތެއް ލިބިއްޖިއްޔާ ދޫކޮށް ނުލާނޭ ކަމަށާއި އަދި ކުރިއަށް އޮތް ނޮވެމްބަރު މަހުގެ ތެރޭގައި ގޮތެއް ނިންމާނޭ ކަމަށެވެ.
ދަނގަޑޭ ބޭރުގެ ޓީމަކަށް މިހާތަނަށް ކުޅެފައިވަނީ ބުރޫނާއީގެ ޑީޕީއެމްއެމް އަށެވެ. ޑިސެމްބަރު 2007 ވަނަ އަހަރު ޑީޕީއެމްއެމް އަށް އޭނާ ކުޅުނީ ދެ މަސްދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
މި ސީޒަންގައި ނިއުއަށް 43 ލަނޑު ޖަހައިދީފައިވާ 28 އަހަރުގެ ހުނަރުވެރި ފޯވާޑް ވަނީ ނިއުއާއި ގައުމީޓީމަށް މިހާތަނަށް އޭނާ ކުޅުނު ހުރިހާ މެޗަކުން 55 ލަނޑު ކާމިޔާބުކޮށްފަ އެވެ.
ދަގަނޑޭ ބުނީ މިރޭ ނިއުއާ އެކު އޭނާ ކުޅޭ ފަހު މެޗަށް ވެގެންދާނެ ކަމަށް ބެލެވޭއިރު އޭނާގެ އުންމީދަކީ އަހަރުގެ ހުރިހާ ތައްޓެއް ކްލަބާއެކު އުފުލައިލުމުގެ އިތުރުން ނިއު ދަމަހައްޓަމުން ގެންދާ 100 މޮޅުވުމުގެ ރެކޯޑާއެކު ސީޒަން ނިންމާލުން ކަމަށެވެ.
މިރޭގެ މެޗަކީ ނިއުއަށް ދަގަނޑޭ ކުޅޭ ފަހު މެޗު ކަމަށްވާއިރު އެ ކްލަބުން ވަނީ، ޓީމަށާއި އަދި ދަގަނޑޭއަށް ސަޕޯޓް ދިނުމަށް ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް ވަނުމަށް އެދިފަ އެވެ.