މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިން ދެމުން އަންނަ ފެރީ ހިދުމަތުގައި މިހާރު ބޭނުންކުރާ ޓިކެޓުގެ ބަދަލުގައި އިލެކްޓްރޯނިކް ޓިކެޓެއް ވަރަށް އަވަހަށް ތައާރަފު ކުރަން ނިންމައިފި އެވެ.

އެމްޓީސީސީގެ ޓްރާންސްޕޯޓް ސާވިސަސް ޑިޕާޓްމަންޓްގެ އެގްޒެކްޓިވް އިސްމާއީލް ފާރިގު ވިދާޅުވީ، ރާއްޖެއަށް މުޅިން އަލަށް ތައާރަފްކުރެވޭ ދަތުރު ކާޑަކީ ޓްރާންސްޕޯޓްސް ފޯ މޯލްޑިވްސްގެ ނަމުގައި އެމްޓީސީސީއިން ފޯރުކޮށް ދެމުންގެންދާ ހިދުމަތްތަކަށް އަގު އަދާކުރަން ބޭނުންކުރާ، ޑެބިޓްކާޑާ އެއްވަރުގެ ސްމާޓް ކާޑެއް ކަމަށެވެ. އަދި ދަތުރުކުރާ ކޮންމެ ފަހަރަކު ކަރުދާސް ޓިކެޓެއް ގަތުމުގެ ބަދަލުގައި ދަތުރު ކާޑަށް ފަސޭހަކަމާއެކު ފައިސާ އެޅޭ (ޓޮޕްއަޕް) ގޮތަށް ބައްޓަންކުރެވިފައިވާ މިނިޒާމްގެ ދަށުން ދަތުރުވެރިން ދަތުރު ފެށުމުގެ ކުރިން ޓިކެޓް ގޭޓްގައި ކާޑްރީޑާގައި ކާޑުޖައްސާލުމުން އެދަތުރަށް ކަނޑައެޅިފައިވާ އަދަދަށް ފައިސާ ކެޑޭނެ ކަމަށާއި އަދި ސެކިއުރިޓީ ގޭޓް އަމިއްލަ ޒާތުގައި ހުޅުވޭނެ ކަމަށް ފާރިގު ވިދާޅުވިއެވެ.

އެނިޒާމަށް ބޭނުންވާ ހާޑުވެއާ އާއި ސޮފްޓްވެއާ މިހާރުވަނީ އިންސްޓޯލްކޮށް އަދި ޓެސްޓް ވެސް އެ ކުންފުނިން މިހާރު ކޮށްފައިވާއިރު، އަންނަ އާދިއްތަ ދުވަހުން ފެށިގެން އެކާޑުގެ ޓްރަޔަލް ބޭނުންކުރަމުންދާނެ ކަމަށާއި އެ ޓްރަޔަލްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ހުޅުވާލައިފައިވާ ކަމަށް ފާރިގު ވިދާޅުވި އެވެ.

"ދަތުރު ކާޑުގެ ހާއްސަ ޕްރޮމޯޝަނެއް އިއްޔެ ވަނީ ފަށައިފައި. އެ ޕްރޮމޯޝަންގައި ދަތުރު ކާޑު ހާއްސަ އަގެއްގައި ލިބެން ހުންނާނެ. ފުރަތަމަ މި ހިދުމަތް ތާރަފް ކުރެވެނީ ފެރީ ލިންކް ނަމުގައި ފޯރުކޮށްދޭ ފެރީ ހިދުމަތުގެ ހުޅުމާލެ ސެކްޓާއަށް. އެއަށްފަހު ހުޅުމާލެއަށް ފޯރުކޮށްދޭ މެޓްރޯ ބަހަށާއި އެކްސްޕްރެސް ލިންކްގެ ހުރިހާ ނިޒާމެއްގައި ވެސް މި ދަތުރު ކާޑު ބޭނުންކުރެވޭނެ. މުސްތަގުބަލުގައި އެކާޑުގެ ހިދުމަތް ވިލިމާލެ ސެކްޓާ އިން ވެސް ލިބޭނެ،" ފާރިގު ވިދާޅުވި އެވެ.

އެމްޓީސީސީއިން ބުނީ، 1.5 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓާއެކު، ހިދުމަތް ހޯއްދަވާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ވެގެންދާނެ ކަމަށާއި އެ ނިޒާމްގައި ބޭނުން ކުރާނީ ކުރިއަރާފައިވާ ގައުމު ތަކުގައި ބޭނުންކުރާ ފަދަ ޒަމާނީ އާލާތްތަކެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޓީސީސީން ދޭ ދަތުރުފަތުރުގެ ހިދުމަތް ޒަމާނީ ބަދަލުތަކާއިއެކު އިތުރަށް ތަރަގީ ކުރުމުގެ މަގްސަދުގައި ޒަމާނީ ޓިކެޓިން ސިސްޓަމެއް ތައާރަފު ކުރާއިރު އެކުންފުނިން ދެމުންގެންދިޔަ ވިލިމާލެ އާއި ހުޅުމާލެ ފެރީ "ފެރީ ލިންކް" ގެ ނަމަށާއި އެއާޕޯޓާއި ހުޅުމާލެއަށް ހައިސްޕީޑް ލާންޗުގައި ދެމުންގެންދިޔަ ހިދުމަތް "އެކްސް ޕްރެސް ލިންކް" ގެ ނަމަށާއި މެދު އުތުރު ޕްރިވިންސްގެ ރަށްތަކަށް ފޯރުކޮށް ދެމުން ގެންދިޔަ ދަތުރު ފަތުރުގެ ހިދުމަތް "ރަށު ލިންކް"ގެ ނަމަށް ބަދަލުކޮށްފައި ވަނީ މިއަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.