23 Oct 2013, 12:29
ލިޔެކިޔުންތައް ފުރިހަމަ ނުވާ ކަމަށް ބުނެ އަފްގާނިސްތާނުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ހުށަހެޅި 16 ކެންޑިޑޭޓެއްގެ ކެންޑިޑެސީ އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބާތިލްކޮށްފި އެވެ.
އަފްގާނިސްތާނުގެ އިންޑިޕެންޑެންޓް އިލެކްޝަންސް ކޮމިޝަނުން ބުނީ ރައީސްކަމަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ތެރެއިން 16 ކެންޑިޑޭޓެއްގެ ކެންޑިޑެސީ ސައްހަ ނޫން ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ވެރިޔާ އަހުމަދު ޔޫސުފު ނުރިސްތާނީ ވިދާޅުވީ މިކެންޑިޑޭޓުން ޑިސްކޮލިފައިކޮށްފައި ވަނީ، ގައުމިއްޔަތު ދިމާނުވުމާއި ސަޕޯޓަރުންގެ ލިސްޓުގައި މައްސަލަތައް ހުރުން ފަދަ މައްސަލަތަކާ ހެދި ކަމަށެވެ.
ނިއު ޔޯކް ޓައިމްސް އިން ބުނީ ޑިސްކޮލިފައި ކޮށްފައިވާ ކެންޑިޑޭޓުންނަކީ އިންތިހާބު ކާމިޔާބުކުރުމުގެ ފުރުސަތު ކުޑަ ކެންޑިޑޭޓުންތަކެއް ކަމަށް ތަޖުރިބާކާރުން ބުނާ ކަމަށެވެ. އަދި މިހާރު އޮތް ގޮތުން އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް ކަނޑައަޅާފައިވާ 10 ކެންޑިޑޭޓުންނަކީ އިންތިހާބުގައި ކާމިޔާބު ހޯދުމުގެ ފުރުސަތު ބޮޑު 10 ކެންޑިޑޭޓުން ކަމަށް ވެސް ނިއު ޔޯކް ޓައިމްސް އިން ބުނެ އެވެ.