ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ބެހޭ ގޮތުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސާބިތު ނުހިފޭ ވާހަކަތައް ދައްކަމުން ގެންދަނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން އެމްޑީޕީއަށް ރަނގަޅު ނަތީޖާއެއް ނުރެވޭނެކަން ކަށަވަރުވާތީ އެކަމުގެ މާޔޫސްކަމާއި ރުޅިވެރިކަން ދެއްކުމުގެ ބޭނުމުގައި ކަމަށް ޕީޕީއެމުން ބުނެފި އެވެ.

ޕީޕީއެމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މައުމޫނާ މެދު ސާބިތު ނުހިފޭ އެތައް ވާހަކަތަކެއް ދައްކައި އެމަނިކުފާނުގެ ބޮލުގައި ބޮޑެތި ދޮގު އިލްޒާމްތަކެއް ރައީސް ނަޝީދު އަޅުވާފައިވާ ކަމަށެވެ. އެހެންކަމުން އެ އަމަލު ޕީޕީއެމްގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ނަޝީދުގެ އެފަދަ ވާހަކަތަކުގައި ހަގީގަތެއް ނުވާކަން އެންމެ ތުއްތު ކުއްޖާއަށް ވެސް އެނގޭނެ ކަމަށް ޕީޕީއެމްގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

"ރައީސް ނަޝީދުގެ މިފަދަ ވާހަކަފުޅުތަކުގައި ހަގީގަތެއް ނުވާކަން ދިވެހި ރައްޔިތުންގެ ތެރެއިން އެންމެ ތުއްތު ކުއްޖާއަށް ވެސް ސާފުވާނެ. ރައީސް ނަޝީދު ރޭ ދެއްކެވި ވާހަކަތަކަކީ ނޮވެމްބަރު 9 ގައި ބޭއްވޭ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުން އެމްޑީޕީ އަށް ރަނގަޅު ނަތީޖާއެއް ނުނެރެވޭނެކަން ކަށަވަރުވެފައިވާތީ އެކަމުގެ މާޔޫސްކަމާ ރުޅިވެރިކަމުގައި ދެއްކެވި ވާހަކަފުޅެކެވެ،" ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި އެމްޑީޕީން މަކަރު ހަދާފައިވާ ކަމަށާއި ސުޕްރީމް ކޯޓުގެ ގައިޑުލައިންތަކުގެ ސަބަބުން އެކަން ތަކުރާރު ނުކުރެވޭނެ ކަމަށެވެ.

ނޮވެމްބަރު މަސް ވެގެންދާނީ ނަޝީދުގެ ސިޔާސީ ހަޔާތުގެ ނިމުމުގެ ފެށުން ކަމަށާއި އެދުވަހަކީ އަނެއްކާވެސް ރާއްޖެއަށް އަމާންކަމާއި އޮމާންކަން އަދި ސުލްހަ މަސަލަސްކަންމަތީ ތަރައްގީގެ ހަލުވި ދުވެއްޔެއްގައި ކުރިއަށް މިސްރާބު ޖެހުމުގެ މިސްރާބު އާލާވެގެންދާނެ ތާރީޚީ ދުވަހެއް ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ރޭ ބޭއްވި އެމްޑީޕީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު ބާއްވަން އުޅުނު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ހުއްޓުވުމުގެ އަޑީގައި ހުންނެވީ މައުމޫން ކަމަށެވެ.