23 Oct 2013, 11:18
މިއަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ރިޔާސީ ދައުރު ނިމޭ އިރު، އާ ރައީސުލްޖުމްހޫރިއްޔާއެއް މަގާމަށް އިންތިހާބު ނުކުރެވިއްޖެ ނަމަ، އަމަލުކުރާނެ ގޮތް ކަނޑައަޅާ އިންތިގާލީ ބިލެއް މަޖިލީހަށް ހުށަހަޅައިފި އެވެ.
"2008 ވަނަ އަހަރު ފެށުނު ރިޔާސީ ދައުރު ނިމުމަކަށް އަންނައިރު ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށާއި ރައީސުލްޖުމްހޫރިއްޔާކަމުގެ ނައިބުގެ މަގާމަށް އަލުން މީހަކު އިންތިހާބު ނުކުރެވިއްޖެ ނަމަ އިންތިގާލީ ގޮތުން އަމަލުކުރާނެ ގޮތުގެ ބިލު"ގެ ނަމުގައި މިބިލު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ އެމްޑީޕީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލްގަފޫރެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅާ، އަދި ފުރަތަމަ ކިޔުން އިއްވާފައިވާ ބިލުގެ ތައާރަފުގައި ބުނެފައި ވަނީ އެ ބިލަކީ 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމަނިކުފާނުގެ ނައިބުގެ މަގާމަށް ބޭފުޅަކު އިންތިހާބުނުކުރެވިއްޖެ ނަމަ އަތުވެދާނޭ "ދުސްތޫރީ އަދި ގާނޫނީ ހުސަކަން" ފޫބެއްދުމަށްޓަކައި ހުށަހަޅާފައިވާ ބިލެއް ކަމަށެވެ.
މިބިލުގައި ބުނެފައި ވަނީ 10 ނޮވެމްބަރުގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާ އަކު އިންތިހާބު ނުކުރެވިއްޖެ ނަމަ، ވަގުތީ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް އެކަމާ ހަވާލުވެވެން ނެތް ނަމަ ހަވާލުވާނީ އެމަޖިލީހުގެ ނައިބު ރައީސް ކަމަށާއި ނައިބު ރައީސްއަށް ވެސް ހަވާލުވެވެން ނެތް ނަމަ، ވެރިކަމާ ހަވާލުވާނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރަކުން ހޮވާ އެމަޖިލީހުގެ މެމްބަރެއް ކަމަށެވެ.
މިބިލުގައިވާ ބުނެފައި ވަނީ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް ނުވަތަ މެމްބަރަކު ވެރިކަމާ ހަވާލުވުމަށް ފަހު، ގިނަވެގެން 21 ދުވަހުގެ ތެރޭގައި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު އަދި ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ، ދެވަނަ ބުރުވެސް ބާއްވަން ޖެހޭނެ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން އިންތިހާބުގެ ނަތީޖާ އިއުލާންކުރާތާ 18 ގަޑިއިރުގެ ތެރޭގައި އަލަށް އިންތިހާބުވާ ރައީސުލްޖުމްހޫރިއްޔާ އަދި ނައިބު ރައީސް މަގާމުގެ ހުވާކޮށް، ވެރިކަމާ ހަވާލުވާން ޖެހޭނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.
ބިލްގައި އިތުރަށް ބުނެފައި ވަނީ އަލަށް އިންތިހާބުވާ ރައީސުލްޖުމްހޫރިއްޔާ ދައުރު ގުނަން ފެށޭނީ ވެރިކަމާ ހަވާލުވެވަޑައިގަންނަވާ ދުވަހުން ފެށިގެން ފަސް އަހަރު ކަމަށް ބަލައިގެން ކަމަށެވެ.
މީގެ ކުރިން ރިޔާސީ ދައުރު ފެށޭ އަދި ނިމޭ ދުވަހަކީ ނޮވެމްބަރު 11 ނުވަތަ ޖުމްހޫރީ ދުވަސް ކަމަށް އޮތް ނަމަވެސް، މިގާނޫނު ފާސްވެއްޖެ ނަމަ، ރާއްޖޭގައި ރިޔާސީ ދައުރު ނިމޭ ތާރީހު ބަދަލުވެގެންދާނެ އެވެ.
މިބިލްގެ އިބްތިދާއީ ބަހުސް އަދި ނުފަށަ އެވެ.