އިޓަލީގެ ކުރީގެ ބޮޑުވަޒީރު ސިލްވިއޯ ބެރްލަސްކޯވީ އޭނާގެ ކުރީގެ އަނބި ކަނބަލުންނާއި ތިން ދަރިންނަށް ހަރަދުގެ ގޮތުގައި ދޭން ޖެހޭ ފައިސާ ދެބައިކުޅަ އެއްބަޔަށް ކުޑަކުރުމަށް ކޯޓުން ހުކުމް ކޮށްފި އެވެ.

އިޓަލީގެ ހަބަރު ފަތުރާ ވަސީލަތްތަކުން ބުނާ ގޮތުގައި އެ ގައުމުގެ އެންމެ މުއްސަނދި އެއް މަހުޖަނު ކަމަށްވާ ބެރްލަސްކޯނީ އޭނާގެ ކުރީގެ އަނބިކަނބަލުން ވެރޯނިކާ ލާރިއޯ އާއި ތިން ދަރިންނަށް ޚަރަދުގެ ގޮތުގައި ދިނުމަށް ކުރިން ކޯޓުން އަމުރުކޮށްފައިވާ މަހަކު ހަތަރު މިލިއަން ޑޮލަރުގެ ބަދަލުގައި މިހާރު އޭނާ ޚަރަދުގެ ގޮތުގައި ދެއްވަން ޖެހޭނީ މަހަކު 1.9 މިލިއަން ޑޮލަރެވެ.

އިޓަލީގެ ކުރީގެ މަޝްހޫރު ފިލްމުކުޅުންތެރިއެއް ކަމަށްވާ ލާރިއޯ، ބެރްލަސްކޯނީ އަރިހުން ވަރިވުމަށް ކޯޓުގައި އެދުނީ 2009 ވަނަ އަހަރު އެވެ. ބެރްލަސްކޯނީ ވިދާޅުވީ އެ މައްސަލައިގައި ކުރިން ކޯޓުގެ ފަނޑިޔާރު ކޮށްފައިވާ ހުކުމަކީ ގަބޫލު ކުރަންދަތި، އަދި ވަކި ކޮޅަކަށް ބުރަވެފައިވާ "ފެމިނިސްޓިކް އަދި ކޮމިއުނިސްޓިކް" ހުކުމެއް ކަމަށެވެ.

ބެރްލަސްކޯނީއާ ލާރިއޯ ފުރަތަމަ ބައްދަލުވީ އިޓަލީގެ މިލާނުގެ ތިއޭޓަރެއްގައި "ޕާފޯމް" ކުރުމަށް ތައްޔާރުވުމަށް ޓަކައި "ޑްރެސިން ރޫމް"ގެ ތެރޭގައި ލާރިއޯ ހުއްޓަ އެވެ. އޭގެ ފަހުން ދެ ބޭފުޅުން ކައިވެނި ބައްލަވައިގެން އެކުގައި 22 އަހަރު ހޭދަކުރަށްވާފައިވެ އެވެ.
http://www.sun.mv/albums/l_20802.jpg

އިޓަލީގެ ކުރީގެ ބޮޑުވަޒީރު އަދި މުއްސަނދި މަހުޖަނު ސިލްވިއޯ ބަރްލަސްކޯނީއާއި އޭނާގެ ކުރީގެ އަނބިކަނބަލުން ވެރޯނިކާ ލާރިއޯ -- ފޮޓޯ: ދަ ގާޑިއަން --


ލާރިއޯ އެ ކައިވެނިފުޅު ރޫޅާލުމަށް ކޯޓުގައި އެދުނީ 2009 ވަނަ އަހަރު 18 އަހަރުގެ އަންހެން ކުއްޖެއްގެ އުފަންދުވަހުގެ ޕާޓީގައި އެކުއްޖާއާ އެކު ބެރްލަސްކޯނީ ގުޅުންތަކެއް އުފެއްދެވި ކަމަށާއި އަދި އެނޫން ވެސް އެފަދަ މައްސަލަތަކުގައި ބެރްލަސްކޯނީއަކީ ކުޑަކުދިންނާ އެކު އެފަދަ ގުޅުންތައް ބާއްވަވާ ބޭފުޅެއް ކަމަށް ތުހުމަތު ކުރަށްވާފަ އެވެ.

އެ މައްސަލަ ކޯޓަށް ވެއްދުމުން ބެރްލަސްކޯނީ ވަނީ އޭނާގެ "ލަވް ސްޓޯރީ"ގެ ގޮތުގައި ސިފަކުރަށްވަމުން ގެންދެވި ކައިވެންޏަށް ނިމުން އައިސްފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިޓަލީގެ ކޯޓަކުން އެގައުމުގެ ބިލިޔަނަރު އަދި ގައުމުގެ މީޑިއާގައިވެސް ބާރުގަދަ ބޭފުޅެއް ކަމަށްވާ ބެރްލަސްކޯނީގެ މައްޗަށް އަމުރު ކޮށްފައިވަނީ ލާރިއޯއަށް މަހަކު ހަތަރު މިލިޔަންޑޮލަރަށް ވުރެ ގިނަ ފައިސާ ޚަރަދުގެ ގޮތުގައި ދެއްވަން ޖެހޭނޭ ކަމަށެވެ.

މިހާރު އުމުރުފުޅުން 77 އަހަރުގެ ބެރްލަސްކޯނީގެ ފުރަތަމަ ކައިވެނިފުޅަށް ވެސް ދެ ކުދިން ލިބިވަޑައިގެންފައިވެ އެވެ. އަދި މިހާރު އުޅުއްވަނީ އުމުރުން 28 އަހަރުގެ ފްރަންޗެސްކާ ޕާސްކާލޭ ކިޔާ ކުއްޖަކާ ކައިވެނި ބައްލަވައިގަންނަވާށެވެ.