ޕޮލިސް އިންޓެލިޖަންސްގެ ކުރީގެ ވެރިޔާ މުހައްމަދު ހަމީދު (އެމްސީ ހަމީދު) އަށް ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ކުރި ހުކުމް ދައުލަތުން އިސްތިއުނާފު ކޮށްފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހްމަދު އުޝާމް ވިދާޅުވީ އެ މައްސަލަ ހައިކޯޓަށް ހުށަހަޅުއްވާފައި ވަނީ މިއަދު ކަމަށެވެ.

އެމްސީ ހަމީދަށް ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ ހަމީދުގެ މައްޗަށް ފުލުހުން ކުރި ތުހުމަތަކީ ޖިނާއީ ތުހުމަތުތަކެއް ކަމަށްވާ އިރު، ޖިނާއީ އަދުލުގެ ނިޒާމުގެ ބޭރުން އޭނާ ވަޒީފާ އިން ވަކިކުރުމަކީ، އެ ކުށަކަށް ދެ ފަހަރު އަދަބު ނުދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައި އޮންނަ އޮތުމާ ޚިލާފު ކަމެއް ކަމަށެވެ.

އެހެންކަމުން އެމްސީ ހަމީދު ވަޒީފާ އިން ވަކިކޮށްފައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް މަދަނީ މިންގަނޑުން ސާބިތުވާކަމަށް ކަނޑައެޅުމަށް ފަހު ކަމަށް ވާތީ އޭނާ ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުން ސިވިލް ކޯޓުން ވަނީ ބާތިލް ކޮށްފަ އެވެ.

އެ މައްސަލައިގެ ހުކުމް އިއްވިއިރު ސިވިލް ކޯޓުން ރިއާޔަތްކޮށްފައި ވަނީ ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ ރައީސް މުހައްމަދު ފަހުމީ ހަސަން އެ ކޮމިޝަންގެ މެމްބަރު ކަމުން ވަކިކުރި މައްސަލާގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމަށެވެ.

އެމްސީ ހަމީދު ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފައި ވަނީ ވެރިކަން ބަދަލުވި ގޮތާ ބެހޭ ގޮތުން ކުރީގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް ނެރުއްވި ރިޕޯޓަކަށް ފުލުހުންގެ ސިއްރު މައުލޫމާތުތަކެއް ހިއްސާކުރި ކަމުގެ ތުހުމަތުގަ އެވެ. އެ މައްސަލައިގެ ތަހުގީގު ނިންމައި އޭނާގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފަ އެވެ.