ރާއްޖޭގައި ހިންގާ ހުރިހާ ކުންފުނިތަކުން މިމަހުގެ ނިޔަލަށް އިކޮނޮމިކް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭ އަހަރީ ހިސާބުތަކާއި ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓަރުންގެ ރިޕޯޓް ހުށަހެޅުމުގެ މުއްދަތު ނޮވެމްބަރު 21 ގެ ނިޔަލަށް އިތުރުކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނެފައި ވަނީ ކުންފުންޏާ ބެހޭ ގާނޫނުގައިވާ ގޮތުން ކޮންމެ ކުންފުންޏަކުން އެ ކުންފުންޏެއްގެ އަހަރީ ހިސާބުތަކާއި ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓަރުގެ ރިޕޯޓް ރެޖިސްޓްރާއަށް އޮފް ކޮމްޕެނީސް އަށް ހުށަހަޅަންވާނެ ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުލައި 31 ވަނަ ދުވަހުގެ ނިޔަލަށް ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކުން 2012 ވަނަ އަހަރުގެ އަހަރީ ހިސާބުތަކާއި ޑިރެކްޓަރުންގެ ރިޕޯޓް އަދި އޮޑިޓަރުންގެ ރިޕޯޓް 31 އޮކްޓޯބަރުގެ ނިޔަލަށް ހުށަހަޅަން މުއްދަތުދީފައިވެ އެވެ. އެހެން ނަމަވެސް އެ މުއްދަތުގެ ތެރޭގައި ސަރުކާރުގެ ބަންދު ދުވަސްތަކެއް ހިމެނޭތީ އެ ކުންފުނިތަކުގެ އަހަރީ ރިޕޯޓް ހުށަހެޅުމަށް ކުންފުނިތަކަށް އިތުރު މުއްދަތެއް ދިނުމުގެ ގޮތުން ކުންފުނިތަކުގެ އަހަރީ ރިޕޯޓް ހުށަހެޅުމުގެ މުއްދަތު ނޮވެމްބަރު 21ގެ ނިޔަލަށް އިތުރުކޮށްދީފައިވާ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.

އެ މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވަނީ ޖުލައި 31ގެ ނިޔަލަށް ރަޖިސްޓްރީކޮށްފައިވާ ކޮންމެ ކުންފުންޏަކުން ވެސް މިހާރު ދީފައިވާ މުއްދަތުގެ ތެރޭގައި އަހަރީ ރިޕޯޓް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި އެ ރިޕޯޓްތައް އިކޮނަމިކް މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.