ފޯނާއި ޓެބްލެޓް އުފެއްދުމުގެ މަގްބޫލުކަން ހޯދާފައިވާ އެޕަލް ކުންފުނިން އެމީހުންގެ އެންމެ ފަހުގެ އައިޕެޑް ދައްކާލައިފި އެވެ.

ޓެބްލެޓުގެ ދުނިޔެއަށް މަޝްހޫރު ފޯން ހަދާ ކުންފުނި ނޮކިއާ އިން އިން އެމީހުންގެ އެންމެ ފަހުގެ ޓެބްލެޓް ނޮކިއާ ލުމިއާ 2520 އާއި ކޮންޕިއުޓަރު އުފެއްދުމުގެ މަޝްހޫރުކަން ހޯދާފައިވާ އަދި ބިލިއަނަރު ބިލް ގޭޓްސްގެ މައިކްރޯސޮފްޓް އިން އެމީހުންގެ ސާފޭސް ނެރެފައިވާ އިރު، އެޕަލުން އިއްޔެ ދައްކާލާފައި ވަނީ އެ ކުންފުނީގެ އެންމެ ފަހުގެ އައިޕެޑް އެއާ އާއި އައިޕެޑް މިނީ އެވެ.

އެގޮތުން ސެން ފްރެސްކޯގައި ދައްކާލި އެޕަލުން އެންމެ ފަހުން އެ ނެރުނު 9.7 އިންޗީގެ ރެޓީނާ ޑިސްޕްލޭ ހުންނަ އައިޕެޑް އެއާ އަކީ އެޕަލްގެ ކުރީގެ އައިޕެޑަށް ވުރެ ލުއިކޮށް ފަރުމާކޮށްފައިވާ އެއްޗެކެވެ. އެގޮތުން އޭގެ ބޯމިނުގައި 7.5 މިލިމީޓަރު ހުންނަ އިރު ބަރުދަނުގައި ހުންނަނީ ހަމައެކަނި 453 ގްރާމެވެ. މި ކަންތައްތަކާ އެކު އެޕަލްގެ އައިޕެޑް އެއާވެފައި ވަނީ ދުނިޔޭގެ އެންމެ ލުއި ޓެބްލެޓްގެ މަގާމު ވަގުތީ ގޮތުން ނަމަވެސް ލިބިފަ އެވެ.

އައިޕެޑް އެއާގައި ހިމެނޭ އިތުރު ފީޗާސްތަކަށް ބަލާ އިރު އޭގައި ފަސް މެގެޕިކްސްގެ ކެމެރާއެއް ހިމެނޭ އިރު ދެ މައިކްރޯ ފޯން ފުރަތަމަ ފަހަރަށް ހިމަނާފައިވެ އެވެ. އަދި އެޕަލްގެ އެންމެ ފަހުގެ ފޯން 5 އެސްގެ ހިމަނާފައިވާ އޭ ސެވަންގެ ޗިޕް ވަނީ ދެގުނަ އަވަސްކޮށް ފަރުމާކުރުމަށް ފަހު އޭގައި ހިމަނާފަ އެވެ. މީގެ އިތުރުން އެއައިޕެޑުގައި އެމް 7 މޯޝަން ޕްރޮސެސާއެއް ވެސް ހިމެނެ އެވެ.

އެޕަލުން އިއްޔެ ނެރުނު އައިޕެޑް މިނީގެ އެންމެ ފަހުގެ އުފެއްދުމަށް ބަލާލާ އިރު އޭގައި ވެސް ހިމަނާފައި ވަނީ 5 އެސްގައި ހިމަނާފައިވާ ޗިޕެކެވެ. އޭގެ އިތުރުން މިފަހަރު ނެރުނު އައިޕެޑް މިނީގައި 7.9 އިންޗީގެ ރެޓީނާ ޑިސްޕްލޭއެއް ވެސް ހިމަނާފައިވެ އެވެ. އައިޕެޑް މިނީގެ ކުރީގެ އުފެއްދުންތަކަށް ބަލާއިރު މިފަހަރު ނެރުނު އައިޕެޑް މިނީގައި ރިޒޮލޫޝަން މޮޅެވެ.

އެޕަލުން ބުނާ ގޮތުގައި އައިޕެޑް އެއާ ބާޒާރަށް ނެރޭނީ މިއަންނަ މަހުގެ އެއްވަނަ ދުވަހު ކަމަށާއި ނެރޭއިރު އަގު އުޅޭނީ 399 ޑޮލަރުގައި ކަމަށެވެ. އަދި އައިޕެޑް މިނީގެ އަގު އުޅޭނީ 299 ޑޮލަރުގައި ކަމަށް ވެސް އެޕަލުން މައުލޫމާތުދެ އެވެ.

ދުނިޔޭގައި އެންމެ ބޮޑު ޓެބްލެޓް އުފައްދާ ކުންފުންޏަކީ އެޕަލެވެ. ނަމަވެސް އެޕަލްއާއި އެއް ހަމައަކަށް އައުމަށްޓަކައި އެޕަލްއާއި އެންމެ ވާދަވެރި އެންޑްރޮއިޑްއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.