ޕްރިމިއާ ލީގުގައި މިދިޔަ ހޮނިހިރު ދުވަހު ކާޑިފް ސިޓީ އާއި ދެކޮޅަށް ކުޅެ 4-1 ލަނޑުން ޗެލްސީ މޮޅުވި މެޗުގައި އެކްލަބުގެ ކޯޗް ހޯސޭ މޮރީނިއޯގެ އަމަލުތަކާއި ގުޅިގެން އިނގިރޭސިވިލާތުގެ ފުޓްބޯޅަ އެސޯސިއޭޝަނުން މޮރީނިއޯ ޖޫރިމަނާ ކޮށްފި އެވެ.

ޗެލްސީގެ ޑިފެންޑަރު ބްރަނިސްލާވް އިވަނޮވިޗް ވަގުތު އިސްރާފްކުރާކަމަށް ބުނެ އެމެޗުގެ ރެފްރީ އެންތޮނީ ޓެއިލާ ވަނީ އެކަމާއި ގުޅިގެން އިވަނޮވިޗް އަށް އިންޒާރު ދީފަ އެވެ. އެއިންޒާރާއި ގުޅިގެން ކޯޗް މޮރީނިއޯ ނުރުހުން ފާޅުކުރުމާއި ގުޅިގެން ރެފްރީ ވަނީ މޮރީނިއޯ ޗެލްސީގެ ބެންޗުން ފޮނުވާލާފަ އެވެ.

"19 އޮކްޓޯބަރު 2013 ވީ ހޮނިހިރު ދުވަހު ކާޑިފް ސިޓީ އާއި ދެކޮޅަށް ޗެލްސީ ކުޅުނު މެޗުގައި އެކްލަބުގެ ކޯޗް ހޯސޭ މޮރީނިއޯގެ އަމަލުތަކާއި ގުޅިގެން އޭނާ ޖޫރިމަނާ ކުރަން ނިންމައިފިން. މި ޖޫރިމަނާ އާއި ގުޅިގެން މޮރީނިއޯ އަށް އެއްވެސް ސުވާލެއް އުފެދޭނަމަ 24 އޮކްޓޯބަރުގެ 6 ގެ ކުރިން މައްސަލަ ހުށަހެޅުމުގެ ފުރުސަތު ލިބޭނެ." އެފްއޭގެ ބަޔާނުގައި ވެއެވެ.

މިވަގުތު ޗެލްސީ އޮތީ ޕްރެމިއާ ލީގުގެ ޕޮއިންޓް ތާވަލްގެ ދެވަނައިގަ އެވެ. އެ ކްލަބް ކުޅުނު އަށް މެޗުން ލިބިފައިވަނީ ސަތާރަ ޕޮއިންޓެވެ. ނަވާރާ ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައި އޮތީ އާސެނަލް އެވެ. ތިންވަނާގައި އޮތް ލިވަޕޫލް އާއި ޗެލްސީ ޕޮއިންޓްގެ ގޮތުން އެއްވަރުވި ނަމަވެސް ޗެލްސީ އަށް ތާވަލްގެ ކުރި ލިބެނީ ގޯލްގެ ތަފާތުންނެވެ. ފަސްވަނައިގައި މެންޗެސްޓާ ސިޓީ އޮތްއިރު، ހަ ވަނައިގައި އޮތީ ޓޮޓެންހަމް ހޮޓްސްޕާ އެވެ. މިދިޔަ ސީޒަންގެ ޗެމްޕިއަންކަން ހޯދި މެންޗެސްޓާ ޔުނައިޓެޑް އޮތީ ތާވަލްގެ އަށްވަނައިގަ އެވެ.