23 Oct 2013, 10:16
މިހާރު ކުރިއަށްދާ ޕަވަހޯސް ގައުމީ ވޮލީބޯޅަ ލީގުގައި އިއްޔެ ކުޅުނު މެޗްތަކުން ދިވެހި ސިފައިންގެ ކުލަބާއި ޕޮލިސް ކުލަބް މޮޅުވެއްޖެ އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި އިއްޔެ ކުޅުނު މެޗްތަކުން ޕޮލިސް ކުލަބް މޮޅުވީ ޔޫތު ސްޕޯޓްސް ކުލަބުން އެއް ސެޓް ކާމިޔާބުކޮށްފައި ވަނިކޮށް ފަހަތުން އަރައި ތިން ސެޓުން މެޗް ކާމިޔާބު ކޮށްގެންނެވެ. އަދި ސިފައިންގެ ކުލަބް މެޗް ކާމިޔާބު ކުރީ ނައިފަރު ޖުވެނައިލް ކްލަބާ ބައްދަލުކޮށް ސީދާ ތިން ސެޓުންނެވެ.
ޕޮލިސް ކުލަބާއި ޔޫތު ސްޕޯޓްސް ކުލަބް އިއްޔެ ހަވީރު ކުޅުނު ފޯރިގަދަ މެޗުގެ ސެޓްތައް ދެޓީމުން ގެންގޮސްފައިވާ ގޮތައް ބަލާއިރު، މެޗުގެ ފުރަތަމަ ސެޓް 19-25 އިން ކާމިޔާބު ކުރީ ޔޫތު ސްޕޯޓްސް ކުލަބުންނެވެ. ދެ ވަނަ ސެޓް 25-19 އިން ކާމިޔާބު ކުރީ ޕޮލިސް ކުލަބުންނެވެ. އަދި ތިން ވަނަ ސެޓް 25-19 އިން ޕޮލިސް ކުލަބުން ކާމިޔާބުކުރިއިރު ފަހު ސެޓް ޕޮލިސް ކުލަބުން ކާމިޔާބު ކޮށްފައިވަނީ ވާދަވެރި ކުޅުމަކަށް ފަހު 26-24 އިންނެވެ.
ޕޮލިސް ކުލަބާއި ޔޫތު ސްޕޯޓްސް ކުލަބް ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ މި މުބާރާތުގެ ފުރަތަމަ މެޗުގައި ދިވެހި ސިފައިންގެ ކުލަބާއި ވާދަކުރި މެޗުގައި ވެސް މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޕޮލިސް ކުލަބުގެ އަލީ ހުޒާމް އެވެ.
މި މުބާރާތުގައި ޕޮލިސް ކުލަބު ދެން ނުކުންނާއި ކްލަބު ޕީކޭ އާއި ދެކޮޅަށެވެ. މިމެޗު ކުޅެން ހަމަޖެހިފައިވަނީ މާދަމާ ހަވީރު އެވެ.
މިމުބާރާތުގައި ރޭ ކުޅުނު ދެ ވަނަ މެޗް ޑީއެސްސީ ކާމިޔާބުކޮށްފައިވަނީ ނައިފަރު ޖުވެނައިލް ކްލަބާ ބައްދަލުކޮށް ސީދާ ތިން ސެޓުންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބިފައިވަނީ ޑީއެސްސީގެ ލާންސް ކޯޕްރަލް ޝިއުނާޒް އަބްދުލް ވާހިދަށެވެ.
މިމުބާރާތުގައި ދިވެހި ސިފައިންގެ ކުލަބު ވާދަކުރާ ތިންވަނަ މެޗުގައި މާދަމާ ރޭ 8:30 ގައި ބައްދަލުކުރާނީ ޔޫތު ސްޕޯރޓްސް ކުލަބާ އެވެ.