ޕްރެސިޑްނެޓް ކަޕްގެ ފައިނަލްގައި މިރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާ ދެކޮޅަށް ނިކުންނައިރު ޗެމްޕިއަން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ އުންމީދަކީ 100 ޕަސެންޓް މޮޅުވުމުގެ ރެކޯޑާއެ ސީޒަން ނިންމާލުން ކަމަށް ނިއުއިން ބުނެފި އެވެ.

މިއަހަރު ނިއު ވާދަކުރި ގައުމީ ފެންވަރުގެ މުބާރާތްތަކުގައި ކުޅުނު ހުރިހާ މެޗަކުން އެ ކްލަބް މޮޅުވެފައިވާއިރު ކްލަބްގެ އެސިސްޓެންޓް ކޯޗު މުޙައްމަދު އިގްބާލް ބުނީ ކްލަބްގެ އަމާޒަކީ ޗެމްޕިއަންކަން ހޯދުމުގެ އިތުރުން މިސީޒަންގައި އެޓީމް ދަމަހައްޓަމުން އަންނަ މޮޅުވުމުގެ ސިލްސިލާ ރެކޯޑާ އެކު ސީޒަން ނިންމާލުން ކަމަށެވެ.

"ޗެމްޕިއަންކަން ހޯދުމުގެ އިތުރުން އަޅުގަނޑުމެންގެ އަމާޒަކީ ސީޒަންގައި ދަމަހައްޓަމުން މިގެންދާ 100 ޕަސެންޓް މޮޅުވުމުގެ ރެކޯޑް ދެމެހެއްޓުން،" އިގްބާލް ބުންޏެވެ.

މިއަހަރުގެ އެފްއޭކަޕްގެ ސެމީ ފައިނަލަށް ފަހު، ނިއުގެ ހެޑްކޯޗު ކަމުގެ މަގާމުގައި ހުރި ބަލްގޭރިއާގެ ވެލިޒާ ޕޮޕޯފް ވަނީ، އޮމާންގެ ސޫރު ސްޕޯޓްސް އިން ރަނގަޅު އޮފާއެއް ލިބިމުން ނިއު ދޫކޮށް އޮމާނަށް ބަދަލުވެފަ އެވެ. އިގްބާލް ބުނީ، ކްލަބްގެ ހެޑް ކޯޗު ނެތުމުން ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވި ނަމަވެސް މިހާރު ކްލަބް ހަޔަކަށް އެޅިފައިވާ ކަމަށެވެ.

"ހެޑްކޯޗް ނެތުމުން މިދިޔަ ދުވަސްތަކުގައި އަޅުގަނޑުމެންނަށް ވަރަށް ދަތިވި. އެހެން ނަމަ ވެސް މިހާރު ކޯޗު ނެތި އެއް މެޗު ކުޅެ އެމެޗުން މޮޅުވެ، އަދި ފަރިތަކުރުންތައް ވެސް ވަރަށް ރަނގަޅަށް އިރާދަކުރެއްވިއްޔާ މިދަނީ. އެހެން ކަމުން ކުޅުންތެރިންނާއި އަޅުގަނޑުމެން އޮފިޝަލުންނަށްވެސް މިހާރު ވަރަށް ބޮޑަށް އުންމީދު އާވެއްޖެ،" ނިއުގެ އެސިސްޓެންޓް ކޯޗު މުހައްމަދު ނިޒާމާ އެކު ދެ ކޯޗުން "ސަން"އަށް ދިން އިންޓަވިއުގައި އިގްބާލް ބުންޏެވެ.

މާޒިޔާއާ ދެކޮޅަށް މިރޭ ނިއު ނުކުންނައިރު މިދެޓީމު މި ސީޒަންގައި ވަނީ ހަ މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން ހުރިހާ މެޗެއްވެސް ނިއުއިން ކާމިޔާބު ކޮށްފައިވާއިރު އިގްބާލް ބުނީ މާޒިޔާގެ މައްޗަށް ހަތްވަނަ މޮޅާ ދިމާއަށް ނިއު އަމާޒު ހިފާފައިވާއިރު ޕްރެޝަރުވެސް ވަރަށް ބޮޑުވާނެ ކަމަށެވެ.

"މާޒިޔާއަކީ ވަރުގަދަ ޓީމެއް. އަނެއްކާ އަޅުގަނޑުމެން މިވަނީ ކުރިން ކުޅުނު ހަ މެޗު ވެސް ކާމިޔާބު ކޮށްފައި. އެހެން ކަމުން މިރޭގެ މެޗު ވަރަށް އުނދަގޫ ވާނެ. އެއީ ފައިނަލް މެޗު ކާމިޔާބުކުރުމުގެ އިތުރުން މާޒިޔާއިން ވެސް މަސައްކަތް ކުރާނެ އަޅުގަނޑުމެން އަތުން ހުރިހާ މެޗަކުން ބަލިނުވެ ސީޒަން ނިންމާލަން،" އިގްބާލު ބުންޏެވެ.

ނިއުގެ އުންމީދު 100 ޕަސެންޓް މޮޅުވުމުގެ ރެކޯޑަކާ ދިމާއަށް ހުރިއިރު އިދިކޮޅަށް ނުކުންނަ މާޒިޔާގެ ކޯޗު އިސްމާއީލް މަހެފޫޒް (އިންމަ) ބުނީ، މަޒިޔާގެ އުންމީދަކީ ޕްރެޒިޑެންޓް ކަޕްގެ ތަށި އުފުލައިލުން ކަމަށާއި އެކަމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނޭ ކަމަށެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ މި މުބާރާތުގެ ތަށި އުފުލައިލުން. އެކަމަށް ކުރެވެންހުރި މަސައްކަތެއް އަޅުގަނޑުމެން ކުރާންން،" އިންމަ ބުންޏެވެ. "މި ސީޒަންގައި ނިއުއާ ދެކޮޅަށް މާޒިޔާއިން ކުޅުނު ހުރިހާ މެޗެއްގައި ވެސް ދެޓީމުން ވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާފައި. މާޒިޔާއިން ރަނގަޅަށް ކުޅުނު ނަމަވެސް ހުރިހާ މެޗަކުންވެސް ނަތީޖާ މި ނެރެނީ ނިއުއިން. އެއީ ދެޓީމުގެ ތަފާތަކީ."

އިންމަ ބުނީ އިތުރަށް ބުނީ އޭނާގެ ބައެއް ކުޅުންތެރިން އިންޖަރީގައި ތިބުމުން ޓީމު އޮތީ އެއްކޮށް ފިޓްކޮށް ނޫން ކަމަށާއި އަދި ފިޓް ނޫން ކުޅުންތެރިން މެޗަށް ނުނަގާނޭ ކަމަށެވެ.

ނިއުއާއި މާޒިޔާ ބައްދަލުކުރާ މިއަހަރުގެ ޕްރެޒިޑެންޓް ކަޕް ފައިނަލް މެޗު ކުޅެން ހަމަޖެހިފައި ވަނީ މިރޭ 9:00ގައި ގަލޮޅު ދަނޑުގަ އެވެ.